ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަދުރު ބެހުން މާދަމާގެ ނިޔަލަށް


ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަޢޫދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ވަނީ ހުސްވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އެމިނިސްޓްރީގެ ރިސެޕްޝަނުންނެވެ. ކަދުރު ބަލާ އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ. ކަދުރު ބެހުމުގެ މަސައްކަތް މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.