ޑީއެފްބީ ޕޮކާލް ފުޓްބޯޅަ މުބާރާތުގައި ބަޔާން މިޔުނިކާއި ފްރެއިބަރގް ބައްދަލުކުރި ކުއާޓަރ ފައިނަލް މެޗް ފްރެއިބަރގް ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް ފްރެއިބަރގް ކާމިޔާބުކުރީ އެންމެ ފަހުވަގުތު ޖެހި ލަނޑަކާއެކު ދެ ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅުމުގެ އިތުރުން ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބަޔާން އެވެ. މިގޮތުން މިމެޗްގެ ފެށުންވެސް ރަނގަޅުވީ ބަޔޭންގެއެވެ. މިގޮތުން މެޗްގެ 19 ވަނަ މިނެޓްގައި ބަޔޭންއިން ވަނީ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑަޔޯ އުޕަމެކާނޯއެވެ.
ނަމަވެސް މިލަނޑު ޖެހިތާ އަށް މިނެޓްފަހުން ފްރެއިންބަރގްއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ހޮފްލަރއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވެގެންދިޔަ އެވެ. މި މެޗްގެ ދެވަނަ ހާފްގައިވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބަޔާންއެވެ.
މިއާއެކުވެސް އެޓީމްގެ ފޯވަޑް ލައިނުން އުފެއްދި އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މިމެޗުން ފްރެއިބަރގް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ދެވަނަ ހާފްގައި ބަޔާންއިން ކުޅެން އެރުވި ބަދަލު ކުޅުންތެރިޔާ ޖަމާލް މުސިއެލާ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީފައިނަލުން ފްރެއިބަރގްއަށް ޖާގަ ހޯދަދިނީ ލޫކަސް ހޯލަރ އެވެ.
މި ކާމިޔާބީއާއެކު ފްރެއިބަރގް ސެމީފައިނަލަށް ދަތުުރުކުރިއިރު އެ ކްލަބްގެ ތާރީހްގައި މިހާތަނަށް ބަޔާންގެ ދަނޑުގައި ކުޅެ ފްރެއިބަރގް މީގެކުރިން މޮޅުވެފައެއް ނުވެއެވެ. ބަޔާންގެ ދަނޑުގައި މިހާތަނަށް މިދެޓީމް 23 މެޗް ކުޅުނު އިރު 20 މެޗުން ބަލިވެ އެއްވަރުވެފައިވަނީ ތިން މެޗުންނެވެ.
މެޗުން ފްރެއިބަރގް މޮޅުވިއިރު އަންނަ ހޮނިހިރު ދުވަހު ބުންޑަސްލީގާގައި އަނެއްކާ މި ދެޓީމް ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފްރެއިބަރގްގެ ދަނޑުގައެވެ. މެޗުން ބަލިވުމާއެކު ބަޔާންގެ އާ ކޯޗް ތޯމަސް ޓުކެލްއަށް މަގާމްގެ ކުރީކޮޅު ސަޕޯޓަރުންގެ ފަރާތުން ޕްރެޝަރު ބޮޑުވާގޮތް މިވަނީ ވެފައެވެ.