ކުޅިވަރު

ދުނިޔޭގެ ބިލިއާޑް ޗެމްޕިއަނުންނާއެކު ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އޯޕަން 2023" ލޯންޗުކޮށްފި


އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން ރާއްޖޭގައި ބާއްވާ 10 ބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭޕީއެފްގެ ކަލަންޑަރުގައި އިއުލާނުކޮށްފައިވާ ތާރީޚަކީ މި މަހުގެ 22-26 އަށެވެ.

މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ރޭ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި އެމްޕީބީއޭގެ ރައީސް އަޙްމަދު ނާސިފުގެ އިތުރުން ބިލިއާޑް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް އޯޕަން 2023 ރަސްމީކޮށް ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ވިދާޅުވީ އެކި ކުޅިވަރުތަކުގެ މެޗުގައި އޮތް ތަފާތު ކުރުން ނައްތާލުމަށް މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތުގެ ދަށުން އެންމެ ރަނގަޅު މަސައްކަތްތަކެއް ހާސިލުކުރެވުނީ ބިލއާޑް އެސޯސިއޭޝަނާ އެކުގައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭއްވިގެމް މިދާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް ބޭއްވުމަށް، އެ އެސޯސިއޭޝަނުން ވުޒާރާއާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މި މުބާރާތަށް ކަނޑައަޅާފައިވާ 64 ކުޅުންތެރިންގެ ސްލޮޓުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 އެތުލީޓުން ބައިވެރިވާއިރު، ރާއްޖޭގެ 16 އެތުލީޓުންނަށްވެސް މި މުބާރާތުގައި ފުރުސަތު ދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީބީއޭގެ ރައީސް އަޙްމަދު ނާސިފް ވިދާޅުވީ މީގެ ދެ އަހަރު ކުރިން މާލޭގައި ތަރައްގީކުރެވުނު ބައިނަލްއަގުވާމީ ފެންވަރުގެ ބިލިއާޑް ހައުސްއާއެކު، ބައިނަލްއަގުވާމީ މުބާރާތެއް އެ ތަނުގައި ބޭއްވުމަކީ އެއް އަމާޒު ކަމަށެވެ. އެހެންކަމުން މިދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތާއެކު އެކަން ހާސިލުވީ ކުޅިވަރާ ބެހޭ ވަޒީރު ދެއްވި އެއްބާރުލެއްވުމުގެ ސަބަބުން ކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ޖުމްލަ 130000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅު 10 ބޯލް އެތުލީޓުންނެވެ. މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30000 ޑޮލަރުގެ ފައިސާގެ އިނާމާއި 10 ބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެއެވެ.