ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ދިވެހި ސިފައިންގެ ކުލަބާއި މީރާ މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ފެށި އޮފީސް މުބާރާތުގެ ފުރަތަމަ މެޗުން ގްރޫޕް އޭގައި ހިމެނޭ ސިފައިންގެ ކުލަބު މޮޅުވީ އެމްއެމްއޭ އަތުން ހަތް ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން އެމްއެމްއޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 23 ލަނޑު ހެދި އަބްދުލް ރަޝީދު އަބްދުﷲ އާއި ހަ ބޯޅައިން 17 ލަނޑު އެއްކުރި އިބްރާހީމް ސައިފެވެ.
ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި ހަތަރު އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 93 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 34 ލަނޑު ހެދި އިސްމާޢީލް ނާޝިދާއި ނުބައިނުވެ 13 ބޯޅައިން 22 ލަނޑު އެއްކުރި މުޙައްމަދު ޝަރީފެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުން މީރާ މޮޅުވީ ޓީމު ޚާރިޖީ އަތުން 78 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން މީރާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 157 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 36 ލަނޑު ހެދި ޔެސީން އަލީ އާއި ނުބައިނުވެ 13 ބޯޅައިން 33 ލަނޑު އެއްކުރި ކަމްރުލް މީރާއެވެ.
ޖަވާބުގައި ޓީމު ޚާރިޖީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 19 ލަނޑު ހެދި އަޙްމަދު ލަތީފެވެ.
މި ފަހަރުގެ އޮފީސް މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.