ކުޅިވަރު

ވެޓެރަންސް ލީގު: ގްރީން ސްޓްރީޓްސް އަތުން ޕޮލިހަށް މޮޅެއް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގައި މިއަދު ހަވީރު ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު ގްރޫޕް ސީގެ މި މެޗުގައި ޕޮލިހުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ޕޮލިހުން ރަނގަޅަށް ކުޅުނު ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ޕޮލިސް ކުލަބުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގެ 23 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ އިބްރާހިމް މަނިކެވެ. މި ލަނޑު ޖަހުމާ ހަމަޔަށް ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ.

މި ނަތީޖާއެކު ގްރޫޕް ސީގެ އެއްވަނައަށް ޕޮލިސް ޖެހިލިއިރު، އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގުރޫޕްގައި ހުއްރިޔާ އާއި މޯލްޑިވިސް ސްކަ މޭޓްސް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޖުމްލަ 11 ޓީމާއެކު މި އަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.