ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގައި ސްޓެލްކޯ ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ނިއު އިން މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި މި ކުޅެނީ ހަަތަރު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. މި މެޗު އެއްވަރުވީ 1-1 އިންނެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުުޅުނު މެޗު ފަށައިގެން ނިއު އިން ރަނގަޅަށް ކުުޅުނު ނަމަވެސް ގޯލެއް ޖަހަން ފުރަތަމަ ހާފުގައި ކުރި އެއްވެސް މަސައްކަތެއް ދިޔައީ ކާމިޔާބެއްނުވެ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ކުޅުން ރަނގަޅުކުރި ނިއު އިން ލީޑުނެގީ އަބްދުﷲ ސުޖާއު (ސުޖާ) ޖެހި ގޯލުންނެވެ. ނިއުގެ މުހައްމަދު ނިޒާމް (ތޮއްޑޫ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސުޖާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗު ނިމެން ގާތްވެފައިވަނިކޮށް ސްޓެލްކޯ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އަހުމަދު ނާޒިމް ޖަހާފައިވަނީ ނއިުގެ ކީޕަރު ޒަރިޔަންދު އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
މި ފަހަރުގެ މުބާރާތުގައި 11 ޓީމަކުން ބައިވެރިވާނެއެވެ. މިދިޔަ އަހަރުގެ މުބާރާތެކޭ އެއް ގޮތަށް މިއަހަރުގެ ވެޓަރަންސް ލީގުވެސް އިންތިޒާމު ކުރަނީ ކުލަބް އިވެންޓްސްއިންނެވެ.