ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެމްއޭސީއެލް ބަލިކޮށް ޗެމްޕިއަންކަން އޭއާރްސީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގެ ފައިނަލް މެޗުގައި އެމްއޭސީއެލް ބަލިކޮށް ޗެމްޕިއަންކަން އޭއާރްސީން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން އޭއާރްސީ މޮޅުވީ އެމްއޭސީއެލް އަތުން ހަ ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޭއާރްސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި ލީމް ޝަފީގާއި 11 ބޯޅައިން 33 ލަނޑު އެއްކުރި އިބްރާހީމް ހުސެއިނެވެ.
 
ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރާައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 125 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 36 ލަނޑު ހެދި އަމީލް އަޙްމަދު މައުރޫފާއި، 10 ބޯޅައިން 34 ލަނޑު ހެދި މުޙައްމަދު ޝާފީގެ އިތުރުން 16 ބޯޅައިން 31 ލަނޑު އެއްކުރި އިސްމާޢީލް އަލީއެވެ.
 
މި މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެމްއޭސީއެލްގެ މުޙައްމަދު ޝާފީ ސައީދު ހޯދިއިރު، މުބާރާތުގެ އެންމެ ގިނަ ވިކެޓު ނެގި އުކުންތެރިޔަކަށް ހޮވުނީ އޭއާރްސީގެ މުޙައްމަދު މަފާޒެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ މަގާމު އެމްއޭސީއެލްގެ އަޙްމަދު އަމީލް މައުރޫފް ހޯދިއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މީޓިއާސްގެ އިބްރާހީމް އަލީއެވެ.

12 ޓީމު ވާދަކުރި އޯޕަން މުބާރާތުގެ ކުޅުން ނިމުނުއިރު، ކްރިކެޓް ކާނިވަލުގައި ދެން ފެށުމަށް ހަމަޖެހިފައިވަނީ އޮފީސްތަކަށް ހުޅުވާލައިގެން ކުޅެވޭ އޮފީސް ޓޭޕްބޯލް މުބާރާތެވެ.