ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު މެޗުގައި ކުލަބު އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ހަތް މަހަށް ވުރެ ގިނަ ދުވަހުގެ ބްރޭކަކަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުލަބު ފެންވަރުގެ ރަސްމީ މެޗެއް ކުޅުނުއިރު، މި މެޗުގައި މާޒިޔާ އާއި އީގަލްސްއިންވެސް މި ވަނީ މި ސީޒަނަށް ގެނައި ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އެގޮތުން މާޒިޔާގެ ފުރަތަމަ އެގާރައިގައި އީގަލްސްއަށް މީގެ ކުރިން ކުޅުނު ތިން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި އަޙްމަދު ނޫމާން (ހެލްމެޓް) ހިމެނިއިރު، އީގަލްސްއިން ވަނީ މީގެ ކުރިން މާޒިޔާއަށް ކުޅުނު އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ) އިއްބެއަށް ފުރުސަތު ދީފައެވެ.
މި މެޗުގައި މާޒިޔާއިން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ކުރީކޮޅެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ހައިޝަމް ހަސަން ތަނަވަސްކޮށްދިން ފުރުސަތެއް މާޒިޔާއަށް ލީޑު ނަގައިދިނީ ހަންނައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗެވެ.
މި މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު އަސްކާބެކް ސަލިއޭވެވެ.
މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިވާން ވެންކޯވް ބުނީ މި މެޗު ކާމިޔާބުކުރެވުމުން އުފާކުރާ ކަމަށާއި، އަދި މި މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އެކަމަކު މެޗުގައި ބައެއް ގޯސްތައް ހެދުން ކަމަށާއި، އެކަމަކު ހަތް މަސް ފަހުން މި ވަރުގެ މެޗެއް ކުޅޭއިރު އެއީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި ނަތީޖާއަކީ މާޒިޔާއިން މި ސީޒަނަށްވި ތައްޔާރީގެ ސަބަބުން ފެނުނު ނަތީޖާއެއް ކަމަށެވެ. އަދި އީގަލްސްއަށް ދިމާވި މައްސަލައަކީ އެ ޓީމަށް މި ފެންވަރުގެ ޕްރެކްޓިސް މެޗުތަކެއް ނުލިބުން ކަމަށާއި، އެކަމުގެ މެޗުގެ ކުރީކޮޅު ފެނިގެންދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ.
އީގަލްސް ބަލިކޮށް މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާއިރު، އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރިކޯޑު އޮތް މާޒިޔާއިން މި ވަނީ 2015، 2016، 2017، 2021 އަދި މި އަހަރުގެ ޝީލްޑް ކާމިޔާބުކޮށްފައެވެ.