ޚަބަރު

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ


ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ޗައިނާގެ ފަތުރުވެރިއެއްކަމަށެވެ.

ފަތުރުވެރިޔާއަކީ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެކެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އޭނާ ގެއްލިފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އިއްޔެގެ ވަގުތެއްގައިކަމަށެވެ.

ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ރިސޯޓް ހިމެނޭ ސަރަޙައްދުގައި އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އެގޮތުން ކަނޑުގެ މަގުންނާއި، އަދި އެސަރަޙައްދަށް ޑައިވްކޮށް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސްނޯކްލިންއާއި، މޫދުގައި ކުރިއަށްގެންދާ އެކިކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތަކުގައި މިގޮތަށް ފަތުރުވެރިން ގެއްލުމުގެ ހާދިސާތައް ރާއްޖޭގައި ކުރިމަތިވަމުންއާދެއެވެ.