ކުޅިވަރު

ވެޓެރަންސް ލީގު: ސޮކާ މޭޓްސް އާއި ހުއްރިޔާއަށް ހަމަހަމަ ނިމުމެއް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ރާއްޖޭގެ ފުޓުބޯޅައިގައި މީގެކުރިން ފެނިގެންދިޔަ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ދެ ޓީމުންވެސް ފެނިގެންދިޔަ އެވެ.

ހުރާގެ މައުސޫމް އަބްދުލް ގަފޫރު (މާސޭ)ގެ ކެޕްޓަން ކަމުގައި ކުޅުނު ހުއްރިޔާ ސްޕޯޓްސް ކުލަބުން މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ މާސޭ އެވެ. އެ ޓީމުގެ ގޯލު ބަލަހައްޓާފައި ވަނީ ކުރީގެ މަޝްހޫރު ކީޕަރު އިޝްހާގު އީސާ އެވެ.

އެމްއެސްއެމް ޓީމުގެ ގޯލު ބަލަހައްޓާފައި ވަނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އަދި ކެޕްޓަންގެ ގޮތުގައި ހަރަކާތްތެރިވީ އައްސަދު އަބްދުލްޢަނީ އެވެ. މީގެއިތުރުން ފުރަތަމަ ޑިވިޝަނާއި ޤައުމީ ޓީމުގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް އެމްއެސްއެމް ޓީމުގައި ކުޅުނެވެ.

ޖުމްލަ 11 ޓީމާއެކު މިއަހަރުގެ ވެޓަރަންސް މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ އީގަލްސް އާއި ދަ ގްރާންޑޭގެ އިތުރުން މުޅިން އަލަށް ވެޓެރަންސް މުބާރާތެއްގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީ ގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އަދި ގްރޫޕް ސީގައި އޮތީ ސޮކަ މޭޓްސް އާއި ހުރިއްޔާ، ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބެވެ.