ޚަބަރު

ރާއްޖެއާއި ޗައިނާއާއި ދެމެދު މުހިއްމު މަޝްވަރާތަކެއް


ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޖެންސީ، ސިޑްކާގެ ވައިސް ޗެއަރމަން ޑެންގް ބޮކިންގް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދާއި، ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކުގައި މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިޑްކާގެ ވައިސް ޗެއަރމަން ވަނީ ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް، ޖީ.ޑީ.އައި މެދުވެރިކޮށް މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު މިއަދު ވެވުނު އެއްބަސްވުންތަކަށް އިޝާރާތްކުރައްވާ ސިޑްކާގެ ވައިސް ޗެއަރމަން ވަނީ މި އެއްބަސްވުންތަކަކީ ދެދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ޖީ.ޑީ.އައި މެދުވެރިކޮށް މުސްތަޤްބަލުގައި ތަރައްޤީގެ ފުރުޞަތުތައް ރާއްޖެއިން ހޯދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ރާއްޖޭގައި ސިޑްކާގެ އައު މަޝްރޫޢުތައް ފެށުމުގެ މުހިންމުކަމާއި، ޚާއްސަކޮށް ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ.ވިލިނގިލި އަދި ރ. އަލިފުށީގައި ތަރައްޤީކުރާ އައު ހޮސްޕިޓަލްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު މަރާމާތުކުރުމާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މެއިންޓެނެންސް މަސައްކަތްތައް ކުރުމަށް ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުންތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި ޗައިނާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓަރުގެ އިތުރުން ސިޑްކާގެ ވައިސް ޗެއަރމަން ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފާއިވެސް ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.