ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރުވެސް ގިނަ މަސައްކަތްތަކެއް


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މައި ޒިންމާ އަދާކުރާ ކުންފުންޏެވެ. އެކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ރީތިނަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަކީ ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކުވެސް އަންނަން ބޭނުންވާނެ މަންޒިލަކަށް ހެދުމަށް އެމްއެމްޕީއާރުސީގެ ބޮޑު ދައުރެއް އަދާކުރެއެވެ.

ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ދަށުން އެމް.އެމް.ޕީ.އާރު.ސީން ދުނިޔޭގެ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި، ރޯޑްޝޯތައް ބޭއްވުމާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޤުބޫލު ފަރާތްތައް ރާއްޖެ ގެނެސް އެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި އެކިއެކި މީޑިއާ އަދި ޕްރޮމޯޝަނަލް ހަރަކާތް ހިންގާ ފަރާތްތަކާއި އެއަރލައިންތައް މެދުވެރިކޮށްވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިންތައް އަންނަނީ ހިންގަމުންނެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ 31 ހަރަކާތެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ފެއަރތަކުގައިވެސް އެ ކުންފުނިން ބައިވެރިވާނެއެވެ.

އަހަރުގެ މިހާތަނަށް ބައިނަލްއަޤްވާމީ 10 ހަރަކާތެއްގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އައިޓީބީ ބަރލިން ފެއަރއެވެ. ކޯވިޑްގެ ޙާލަތާއި ގުޅިގެން އައިޓީ ބަރލިން ފެއަރ މި ވޭތުވެދިޔަ 3 އަހަރު ބާއްވާފައެއް ނުވެއެވެ. ނަމަވެސްފެއަރގެ ބައެއް ބައްދަލުވުންތައް މިދިޔަ އަހަރު އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންކަމުން މިއަހަރުގެ އައިޓީބީ ވެގެންދިޔައީ ރާއްޖެއިންވެސް ވަރަށް ބޮޑަށް ތައްޔާރުވި ފެއަރއަކަށެވެ. މިއަހަރުގެ އައިޓީބީ ފެއަރގައި 91 ކުންފުންޏަކުން، 291 ފަރާތުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއާއި ދާއިރާގެ ފަރާތްތަކުން ކުރާ މަސައްކަތުން ރާއްޖެއަށް ވަނީ ވިދިވިދިގެން 3 އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަޤަބްވެސް ލިބިފައެވެ. އެމް.އެމް.ޕީ.އާރު.ސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކޯވިޑަށްފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 513،795 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %21 އިތުރުވުމެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5839 ފަތުރުވެރިން އާދެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ފަތުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުންކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.