ޚަބަރު

ތެލަސީމިއާ ކުދިންނާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް


މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށާއި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނެފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްއަކީ މުޅި ރާއްޖޭގައި ލޭބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމާއި ލޭގެ ކޮލިޓީ ބެހެލެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ އިދާރާއެވެ. ނަމަވެސް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މަދުވުމާއި އެކަށީގެންވާ ވަޞީލަތްތައް މަދުވުމަކީ ލޭ ރައްކާކޮށް ބެހެއްޓުމަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން އެކަންކަމަށް ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އެ އިދާރާއިން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަރިޓްކްސް ޑރ.އަޙްމަދު އުމަރު ވިދާޅުވީ މާލެ ސަރަޙައްދުގައި ހުރި ހުރިހާ ހޮސްޕިޓަލަކަށް ބޭނުންވާ ލޭ އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރު ފެށުމަށް ނިންމާފައިވާކަމަށެވެ.

އުމަރު ވިދާޅުވީ އެ މަސައްކަތް ފެށުމަށްޓަކައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ބޭނުންވާ ލޭގެ މިންވަރު ހޯދާފައިވާކަމަށެވެ. އަދި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރަށް ވަޞީލަތްތަކާއި މުވައްޒަފުންވެސް ހަމަޖައްސައި ނިމިފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރުވެސް ލޭ ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި ކުރިން 1 ޔުނިޓްގެ ލޭ ހަދިޔާ ކުރެވުނުނަމަވެސް މިހާރު ކޮންމެ މީހަކަށްވެސް 2 ޔުނިޓްގެ ލޭ ހަދިޔާ ކުރެވޭނެކަމަށެވެ.

"މި މަސައްކަތްވެސް ކުރިއަށްގެންދިޔުމަށް އޮތް ދައްޗަކީ ޖާގައިގެ ދަތިކަމައި މުވައްޒަފުންގެ ދަތިކަން. މިކަންކަމަށް ހައްލެއް ލިބުމުން މާލެ ސަރަޙައްދަށް ބޭނުންވާ ލޭ އެއްތާކުން ލިބޭނެ ގޮތް ހެދުމަށްޓަކައި މަސައްކަތް މިކުރަނީ." މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕަޝިއަލިސް އިން ޕީޑިއަރިޓްކްސް ޑރ.އަޙްމަދު އުމަރު ވިދާޅުވިއެވެ.

ބްލަޑް ބޭންކުގައި ރައްކާކޮށްފައި ހުންނަ ލޭ އެންމެ ގިނައިން ބޭނުން ވަނީ ތެލަސީމިއާ ކުދިންނަށެވެ. ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ހޯދާ 600 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އެމްބީއެސް މައުލުމާތުދެއެވެ. އަދި ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ.

މީގެތެރެއިން 360 އަށްވުރެ ގިނަ ކުދިންނަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދާ ކުދިންނެވެ.

އެމްބީއެސްގައި ރާއްކާކޮށްފައި ހުންނަ ލޭގެ ތެރެއިން 33 އިންސައްތައަކީ ވޮލެންޓިއަރ ކޮށްގެން ނުވަތަ އެކި ކޭމްޕްތަކުން ލިބޭ ލޭކަމަށާއި 67 އިންސައްތައަކީ ތެލަސީމިއާ ކުދިންގެ ޑޯނަރުން ފޯރުކޮށްދޭ ލޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އެމްބީއެސްގައި ރާއްކާކޮށްފައި ހުންނަ ލޭގެ މިންވަރު އިތުރުކުރުމަށްޓަކައ ބްލަޑް ކޭމްޕްތައް އިތުރުކުރުމަށްވެސް އެ އިދާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.