ޓުއަރިޒަމް

އޮބެރޯއީ ގްރޫޕާއި ލީލާއިން ރާއްޖޭގައި އިންވެސްޓް ކުރަނީ


އިންޑިޔާގެ މަޝްހޫރު އޮބެރޯއީ ގްރޫޕާއި ލީލާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަށް ތައްޔާރުވެފައިވާކަމަށް ފަތުރުވެރުކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އިންޑިޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޝަރުމާގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، އިންޑިޔާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

އޮބެރޯއީ ގްރޫޕާއި ލީލާއަކީ އިންޑިޔާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ މަތީ މާރކެޓްގެ ދެ ކުންފުންޏެވެ. މި ދާއިރާއިން އިންޑިޔާގައި އެންމެ ވަރުގަދަ އެއްކުންފުނިކަމަށްވާ އޮބެރޯއީ ގްރޫޕްގެ ބްރޭންޑްތަކެއް ރާއްޖޭގައި މިހާރު ބޭނުންކުރަމުން އައިނަމަވެސް އެކުންފުނީގެ ރިސޯޓެއް އަދި ރާއްޖެއަކުނެތެވެ. އޮބެރޯއީ އާއި ލީލާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނުމަށް މަސައްކަތް ކުރަމުން ގެދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. އަދި މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން އޮބެރޯއީ ގްރޫޕާއެކު އެމްއޯޔޫއެއްގައި ސޮއިކުރެވި، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓުކުރުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުހަރުފަތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތް ފެށުމަށް، ދެ ޤައުމު ބައިވެރިވާ ވޯކިން ގްރޫޕެއް އުފެއްދުމަށްވެސް މި ދަތުރުފުޅުގައި އެއްބަސްވެފައިވާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ރާއްޖެއާއި އިންޑިޔާގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް އިންޑިޔާގެ ކަމާގުޅޭ އިދާރާތަކާއި ޖަމްޢިއްޔާ، ޖަމާޢަތްތަކާއިއެކު މިނިސްޓަރ ކުރައްވާފައިވެއެވެ. ދެޤައުމުގެވެސް މައިގަނޑު އަމާޒަކީ ރާއްޖެއަށް އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ލަފާކުރައްވާ ގޮތުގައި އެވަރެޖްކޮށް އަހަރަކު 50،000 ފަތުރުވެރިން އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.