ވިޔަފާރި

ޗައިނާގެ އައު އަހަރު ފާހަގަކުރަން ރާއްޖެއަށް


ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް އެޤައުމުގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

އައު އަހަރު ފާހަގަކުރުމަށް ރެކޯޑް ޢަދަދަކަށް ޗައިނާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކޮށްފައިވެއެވެ. ޗައިނާގެ 3 ވަނައަށް އެންމެ ބޮޑު ޓްރެވަލް އެޖެންސީ، ޓޮންގްޗެންގް ނެޓްވޯކް ޓެކްނޮލޮޖީން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިފަހަރުގެ ޗައިނާގެ އައު އަހަރުގެ ޗުއްޓީ ހޭދަކުރުމަށް 6 މިލިއަން މީހުން ޤައުމުން ބޭރަށް ދަތުރުކޮށްފައިވެއެވެ.

ޓޮންގްޗެންގްއިން ހާމަކުރާގޮތުގައި ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް އެޤައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް ދިހަ މަންޒިލްގެ ލިސްޓްގައި ރާއްޖޭގެ އިތުރަށް ދެން ހިމެނެނީ ތައިލޭންޑް، ފްރާންސް، އިޓަލީ އަދި ސިންގަޕޯރ ފަދަ ޤައުމުތަކެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން، ވިޒިޓް މޯލްޑިވްސް އިޔަރގެ ޙަރަކާތެއްގެ ގޮތުގައި ޗައިނާގެ އައު އަހަރު މާފުށީގައި ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

ޗައިނާއަކީ، ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުކަމަށްވާއިރު، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މިއަހަރުގެތެރޭގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގަން އެމްއެމްޕީއާރުސީން ރާވާފައިވެއެވެ. "ޗައިނީޒް ނިއުއިޔަރ" އަކީ، އެޤައުމުގެ ރައްޔިތުން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް މުނާސަބާއެވެ.