ޚަބަރު

އުތުރުގެ "ވިއަވަތި ރާއްޖެ" މަހާސިންތާ މޭމަހު ހަނިމާދޫގައި


ތިންވަނަ "ވިއަވަތި ރާއްޖެ" މަހާސިންތާ މިއަހަރުގެ މޭމަހު ހދ.ހަނިމާދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިކަމުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފައްޓަވާފައެވެ. މި ކޮންފަރެންސް ހދ.ހަނިމާދޫގައި ކުރިއަށްދާނީ އަންނަ މޭމަހުގެ 12އިން 14އަށެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

ވިއަވަތި ރާއްޖޭގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، މިދިޔަ އަހަރުގެ މޭމަހު އއ.އުކުޅަހުގައެވެ. އަދި މީގެ ދެވަނަ ކޮންފަރެސް ޚާއްސަކުރީ ދެކުނުގެ އަތޮޅުތަކަށެވެ. އެ ކޮންފަރެންސް ބާއްވާފައިވަނީ ލ.އަތޮޅުގައެވެ.

މީގެ ކޮންމެ ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެން، އިސްކޮށް މަސައްކަތް ކުރައްވައެވެ. އަދި ވަޒީރުންނާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީވުމަށް މިގޮތަށް ފެށި ފުރަތަމަ މަސައްކަތެވެ. މީގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ކައުންސިލްތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ގާތުން ބަލާ، އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ސަރުކާރާގެ ހިންގުމުގެ ކަންކަމަށް ޚިޔާލު ހުށައަޅާ، ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލްތަކަށް ފަހިކޮށްދިނުމެވެ.

މި ކޮންފަރެންސްގައި އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ގޮތްތަކެއް ހޯދުމަށް މަގުފަހިކޮށްދިނުމަކީވެސް ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.

އަދި ސަރުކާރުން ކުރައްވަން ނިންމަވާ މުހިންމު ގިނަ ކަންތައްތަކެއްވެސް ވޭތުވެ ދިޔަ ދެ ކޮންފަރެންސްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވެއެވެ.

ކޮންފަރެންސް ކުރިއަށްގެންދަނީ ރާއްޖެ 3 ޒޯނަށް ބަހާލައިގެންނެވެ. ކޮންފަރެންސްގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބައިވެރިވެއެވެ.

އެގޮތުން ކައުންސިލްތައް ހިންގުމުގެ ޤާނޫނީ ކަންކަމާއި، ކައުންސިލްތަކަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.