ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާދެއްވައިފިއެވެ.
އާޒިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބުކުރުމަކީ މިވަގުތު ދިވެހިރާއްޖެއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގްބަލަށް އެންމެ ފައިދާކުރަނިވި ގޮތްކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިޔަކީވެސް ރައީސް ސާލިހުކަމަށް ގަބޫލުކުރާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް ސާލިހަށް ތާއިދުކުރަން ނިންމާފައިވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓެއްގެ އެޑްވައިޒަރަކަށް ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާނެކަމަށެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހުރީ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެ، ޖުމްހުރީ ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން މަނިކުފާނުގެ އެޑްވައިޒަރުކަމުގެ މަޤާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ގަބޫލު ނުކުރާތީވެ، އެމަޤާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ" ގާސިމަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވިއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އިންތިހާބު ކުރުމަށް އަޅުގަނޑު ތާއީދުކުރާތީ ޖޭޕީގެ ލީޑަރު، އަލްފާޟިލް ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފީމެވެ. @ibusolih pic.twitter.com/98Sy389T6B
— Adam Azim (@adamazim) March 30, 2023
އާޒިމްގެ އިތުރުންވެސް ޖުމްހޫރީ ޕާޓީގެ ބައެއް އިސް މެމްބަރުން ވަނީ އެ ޕާޓީން ވަކިވެ، ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ. އޭގެތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސަމީރުވެސް ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް އިންތިހާބުކުރުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.