ވިޔަފާރި

ބަޓިކް އެއަރ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


މެލޭޝިއާގެ އެއަރލައިނެއްކަމަށްވާ ”ބަޓިކް އެއަރ މެލޭޝިއާ“ އިން އަންނަ މޭމަހު ރާއްޖެއަށް ދަތުރު ފެށުމަށް ނިންމައިފިއެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 737 މެކްސް 8 މަރުކާގެ ބޯޓެކެވެ. މި އެއަރލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތައް ފަށާނީ މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. ”ބަޓިކް އެއަރ މެލޭޝިއާ“ގެ މި ދަތުރުތައް ރާއްޖެއަށް ކުރާނީ ސްރީލަންކާގެ ކޮލަންބޯގައި ޓްރާންސިޓް ކުރުމަށްފަހުގައެވެ.

އެ އެއަރލައިނުން 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ވަނީ ސްރީލަންކާއަށް ދަތުރުތައް ކޮށްފައެވެ. ނަމަވެސް މިއީ ރާއްޖެއަށް ދަތުރު ފަށާ ފުރަތަމަ ފަހަރެވެ.

މެލޭޝިއާއަކީ ކިޔެވުމާއި ސިއްހީ ބޭނުންތަކާއި އަދި އެނޫންވެސް ކަންކަމަށް ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޤައުމެކެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް ފަތުރުވެރިންވެސް އާދެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މެލޭޝިއާއިން ރާއްޖެއަށް 783 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %586.8 އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 35 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. އަދި އިތުރު އެއަރލައިންތަކުން ދަތުރު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.