ޚަބަރު

މިސްކިތްތަކުގެ ރޯދަވީއްލުން، ބިދޭސީންގެ ރޯދަ ވިއްލާ ސުފުރާމަތި


ދީނީ ކަންކަމަށް ސަމާލުކަން ދިނުމުގެ އިތުރުން، ރަމަޟާން މަހަކީ ޢާއިލާއާއި އެކުވެރިންނާއެކު ވަގުތު ހޭދަކޮށް އުފާވެރި މާޙައުލެއްގައި އެންމެންވެސް ތިބުމަށް އެދޭ މަހެކެވެ. ރަމަޟާން މަހުގެ ހެނދުނުގެ ވަގުތުތައް މަސައްކަތުގައި ހޭދަކުރުމަށްފަހު އެންމެންވެސް ބަދިގެއަށް ޖަމާވެ ރޯދަ ވީއްލާ ގަޑިއަށް ވަރުވަރުން އެކި ބާވަތްތައް ތައްޔާރުކުރަނީ ވަރަށްވެސް ލޯތްބާއި ފޯރީގައެވެ.

ޢާއިލާގެ އެންމެން ގުޅިގެންނެވެ. ހުރިހާ މީހުންނަށްވެސް މީރު އެކި ރަހަތަކެވެ. ރަމަޟާން މަހުގެ ހަވީރު މަގުތަކަށް ނުކުތުމުން ފެންނަނީ ފިނިބުރު ޖަހާލަން ޢާއިލާއާއި އެކުވެރިންނާއެކު ދިވެހިން ނިކުމެ އުޅޭ މަންޒަރެވެ. ނަމާދަށް ގޮވުމުން ފެންނަނީ ދަރިން ގޮވައިގެން އަޅުކަމުގައި މަސްޢޫލުވާ ތަނެވެ. މިއީ މިރަމަޟާން މަހުވެސް ގިނަ ދިވެހި ގޭބިސީތަކުގައި ކަންހިނގަމުންދާ ގޮތެވެ.

ރާއްޖޭގެ އާބާދީގައި އިތުރުވަމުން އަންނަ ބިދޭސީންގެ ތެރޭގައިވެސް މާތްވެގެންދާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުގެ މަތީގައި ދެމިތިބި މީހުން މަދެއް ނޫނެނެވެ. އެހެންނަމަވެސް ދިވެހިންގެ ރަމަޟާން މަހާއި، އެމީހުންގެ ރަމަޟާންމަސް ވަރަށްވެސް ތަފާތެވެ. ރޯދަމަހުގެ ދުވާލުގެ ގިނަ ގަޑި އެމީހުން ހޭދަކުރަނީ ބުރަ މަސައްކަތުގައެވެ. އައްވާއި ވާރޭގައިވެސް އެމީހުން ތިބެނީ މަސައްކަތުގައެވެ.

އޭގެ ފަހުން މިބިންމަތީގައި ވާ ހުރިހާ މުސްލިމުން އެގަޑިއަކަށް އެންމެ އިންތިޒާރުކުރާ ގަޑި، ރޯދަ ވީއްލާ ގަޑީގައި އެމީހުންގެ ހިތުގެ ޝުޢޫރު ހިނގާނެ ގޮތްވެސް ތަސައްވުރުކޮށްލަން އަޅުގަނޑުމެނަށް ނޭނގޭނެއެވެ. އަމިއްލަ ޢާއިލާއާއި އަނބި ދަރިންނާއި ވަކިން އަމިއްލަ ވަޒަނާއި ދުރުގައި އެމީހުންގެ އަމިއްލަވަންތަކަން އިޙްސާސްވާހާވެސް ތަނަކީ މިބިންމަތީގައިވާ މާތްﷲގެ ގެކޮޅެއެވެ.

ރޯދަވެރިޔާގެ ރޯދަ ވީއްލާ ވަގުތަކީ އޭނާއާއި އޭނާ ހެއްދިވި ޚާލިޤުވަންތަ މާތްﷲއަށްވެސް ވަރަށް ޚާއްސަ ވަގުތުކޮޅެކެވެ. ލޯތްބާއި، އޯގާވެރިކަމާއި، ކެތްތެރިކަމާއި، އިންތިޒާރުގެ އެމަތިވެރި ވަގުތުގައި އެބިދޭސީން ހޭދަކުރަނީ މިސްކިތްތަކުގައެވެ. އެނޫން ތަނެއް އެމީހުންދާނެ މިބިމަކު ނެތެވެ. ރޯދަ ވީއްލާނެ އިތުރު ގޮތެއް އެމީހުންނަށް ނެތެވެ.

ރޯދަ ވީއްލުމަށް މާލޭގެ މިސްކިތްތަކުގައި ހުންނަ އިންތިޒާމުތައް ދެކެލުމަށް އަޅުގަނޑު މިސްކިތައް ދިޔަ ދުވަހެކެވެ. އެތަނުގައި ގިނަ ބިދޭސީންތަކެއް ރޯދަ ވީއްލުމަށް ތިބިކަން ފާހަގަވެ އެތަނުން މީހަކާއި ވާހަކަ ދައްކާލީމެވެ. އޭނާއާއި ވާހަކަ ދައްކާލުމުން އެނގުނީ އެމީހުން ރޯދަ ވީއްލަން ދާނެ އިތުރު ތަނެއް މިޤައުމުގައި ނެތްކަމެވެ. މިސްކިތުން ރޯދަ ވީއްލުމަށް ލިބޭ ތިން އޮށް ކަދުރަކީވެސް އެމީހުންނަށް ލެއްވި ބޮޑު ރަޙުމަތެކެވެ.

"އަހަރުން ކޮންތާކަށް ދަނީ ރޯދަ ވީއްލަން. އަހަރުން ދާނެ ތަނެއް ނެތް. ދެން އެހެންވީމަ މިސްކިތުގައި ކޮންމެ ފަހަރަކުވެސް ރޯދަ ވީއްލަން އެއްޗިސް ހުރޭ އެހެންވެ މިތަނައް އަންނަނީ. މިތަނުން ލިބޭ ކަދުރު އެވަރުން ފުދޭ" އެ ބިދޭސީ މީހާ ބުންޏެއެވެ.

މޫނުމަތިން އުދާސްކަން ފެންނަން ހުރި ކަމުގައި ވީނަމަވެސް، ހިނިތުން ވެލުމަށްފަހު އަޅުގަނޑާއި ސަލާމް ކޮށްލުމަށްފަހު މިސްކިތު ތެރެއައް ވަދެގެން އެ ބިދޭސީ މީހާ ދިޔައެވެ. މިއީ މި ރަމަޟާންމަހު ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ރޯދަ ވީއްލަމުންދާ ގޮތެވެ.

ރަމަޟާންމަހު އަތޮޅުތަކުގެ އަދި މާލޭގެ ޢާއްމުކޮށް ހުރިހާ މިސްކިތްތަކެއްގައިވެސް ރޯދަ ވީއްލޭނެ ރަނގަޅު އިންތިޒާމުތަކެއް ހުންނަނީ ހަމަޖައްސާފައެވެ. މިއީ ވިޔަފާރިވެރިންނާއި، ހެޔޮއެދޭ އެތައް ފަރާތްތަކެއްގެ ދީލަތި އެހީއާއެކު ހަމަޖެހިގެންދާ އިންތިޒާމު ތަކެކެވެ. ބައެއް މިސްކިތްތަކުން ހަމައެކަނި ފެންނަނީ ކަދުރު އެކަންޏެއްވެސް ނޫނެވެ. ހެދިކާގެ ބާވަތްތައްވެސް މާލޭގެ ބައެއް މިސްކިތްތަކުގައި ހުރެއެވެ. އެކިކަހަލަ ވައްތަރުގެ ފަނިވެސް ތައްޔާރުކޮށްފައި ހުރެއެވެ.