ދުނިޔޭގެ ވިޔަފާރި

އޮންލައިންކޮށް ގަންނަ އެޕަލްގެ ތަކެއްޗަށް އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ


ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް އޮންލައިންކޮށް ގަންނަ ތަކެއްޗަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ގޮތް އެޕަލްއިން ހަމަޖައްސައިފިއެވެ.

"އެޕަލް ޕޭ ލޭޓަރ" ނަމުގައި އުފައްދާފައިވާ އާ ފީޗަރގެ ދަށުން ކަސްޓަމަރުންނަށް ގަންނަ ތަކެތީގެ ފައިސާ ހަ ހަފްތާގެ ތެރޭގައި ހަތަރު އިންސްޓޯލްމަންޓަކަށް ބަހާލައިގެން ފައިސާ ދެއްކޭނެއެވެ. ފުރަތަމަ އިންސްޓޯލްމަންޓް ގަންނަ ވަގުތު ދައްކަން ޖެހެއެވެ. އަދި އެޕަލް ބޭނުންކުރާ ފަރާތްތަކަށް ވޮލެޓް އެޕްގެ ތެރެއިން 50 އެމެރިކާ ޑޮލަރާއި 1000 އެމެރިކާ ޑޮލަރާއި ދެމެދުގެ ލޯނަކަށް އިންޓަރެސްޓެއް ނުވަތަ ފީއެއް ނުނަގައި އޮންލައިން ނުވަތަ އެޕްގެ ތެރޭގައި ގަތުމަށް އެދި ހުށަހެޅޭނެއެވެ.

އެމެރިކާގައި މިހާރު ޕޭމަންޓް އޮޕްޝަން ތައާރަފް ކުރަމުންދާއިރު، ކުރިއަށް އޮތް މަސްތަކުގައި ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޕޭމަންޓް އޮޕްޝަން ހުށަހެޅުމުގެ ޕްލޭންތައް ވަނީ ހަމަޖެހިފައެވެ.

އެޕަލްގެ މި ފީޗަރ ތައާރަފްކޮށްފައި މިވަނީ އިންފްލޭޝަން މަތިވެ އިގްތިސާދީ ގޮތުން ޔަގީންކަން ނެތްއިރު، ތަކެތި ގަނެ ފަހުން ފައިސާ ދައްކާ ގޮތް ކޮންސިއުމަރުން ހިޔާރުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހަމަ އެ ޕޭމަންޓް އޮޕްޝަން ފޯރުކޮށްދޭ މަޝްހޫރު އެހެން ހިދުމަތްތަކުގެ ތެރޭގައި އެފިރމް، ކްލާނާ އަދި އާފްޓަރޕޭ ހިމެނެއެވެ. ނަމަވެސް ބައެއް އިގްތިސާދީ މާހިރުންނާއި ކޮންސިއުމަރ އެޑްވޮކޭޓަރުން ވަނީ މި ހިދުމަތްތަކުގެ ސަބަބުން ކޮންސިއުމަރުންނަށް އިތުރު ދަރަނިތަކެއް ނަގަން ޖެހިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޕަލްއިން ބުނާގޮތުގައި އާ ފީޗަރއަކީ އެ ބޭނުންކުރާ މީހުންގެ މާލީ ހާލަތަށް ވިސްނައިގެން ފަރުމާކޮށްފައިވާ ފީޗަރއެކެވެ.

އެޕަލް ޕޭ އާއި އެޕަލް ވޮލެޓްގެ ނައިބު ރައީސް ޖެނިފާ ބެއިލީ ވިދާޅުވި ގޮތުގައި އެޕަލް ޕޭ ލެޓަރ އާންމުންނަށް ހުޅުވާލާއިރު، ހިތްހަމަޖެހުން ލިބެނީ މިހާރުވެސް އެތައް ބަޔަކު ފަސޭހަކޮށް ފައިސާ ދެއްކޭނެ ގޮތްތަކަކަށް ބޭނުންވެފައި ތިއްބައި ފީޗާރ ތައާރަފް ކުރެވުމުންނެވެ.

އެޕަލްގެ ވޮލެޓް އެޕުން ލޯނު އެޕްލިކޭޝަން އާއި ލޯނާއި ބެހޭ އެހެން ކަންތައްތައްވެސް ކުރެވޭނެކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލްގެ ޕޭ ލެޓަރ އޮޕްޝަން ފެންނަ ގޮތަށް ހަދާފައި ވަނީ މާސްޓަރކާޑް އިންސްޓޯލްމަންޓް ޕްރޮގްރާމް މެދުވެރިކޮށެވެ.