ޚަބަރު

އިންފަންތީނޯއާއިއެކު ފީފާ އާ މިސްރާބަކަށް


ފީފާގެ އިންތިހާބު ކާމިޔާބުކުރެއްވި ޖިއާނީ އިންފަންތީނޯ އަކީ މި މަގާމް ހޯދާނެކަމަށް ގިނަ ބަޔަކު ބުނަމުންއައި ފަރާތެކެވެ. ސަބަބަކީ ޔޫރަޕްގެ ހުރިހާ ގައުމުތަކެއްގެ ތާއީދު އޭނާއަށް ލިބިފައި އޮތުމެވެ. 

ފީފާ އިންތިހާބު ދެވަނަ ބުރަކަށްގޮސް އުމުރުން 45 އަހަރުގެ އިންފަންތީނޯ ފީފާގެ އާ ރައީސްއަކަށް ހޮވުނުއިރު، އޭނާވަނީ މަގާމާއި ހަވާލްވުމަށްފަހު ގިނަ ކަންތައްތަކެއް ދުނިޔޭގެ ފުޓްބޯޅައަށް ކޮށްދޭނެކަމަށް ބުނެފައެވެ. 

11 ނުކުތާއެއް ހިމެނޭ ޖިއާނީ އިންފަންތީނޯގެ މެނިފެސްޓޯގެ މައިގަނޑު ބިނާވެފައިވަނީ ތިންކަމެއްގެ މައްޗަށެވެ. އެއީ ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާގެ އިތުބާރު އަލުން ހޯދުމާއި، ޑިމޮކްރިސީގެ އުސުލުތަކާއިއެކު ގިނަ ބައެއްގެ ބައިވެރިވުން ފިފާ ހިންގުމުގައި ބޭނުންކުރުމާއި، ފުޓްބޯޅަ އިތުރަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތަރައްޤީކުރުމެވެ. 

މެނިފެސްޓޯގައި އިންފަންތީނޯ ހިމަނާގައިވާ ނުކުތާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދުނިޔޭގެ ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕް ކުޅޭ ޓީމްތަކުގެ އަދަދު 32 ން 40ށް ބަދަލުކުރުމެވެ. އިންފަންތީނޯ ފާހަގަކުރައްވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސާޅީސް ގައުމަށް ލިބިގެންދިޔުމަކީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދުނިޔޭގެ ހުރިހާ ބައްރެއްގެ ގައުމުތަކަށް އެންމެ އެކަށީގެންވާ މިންވަރަށް ލިބިގެންދާނެކަމެއްކަމަށެވެ. 

މި ބޮޑު ވަޢުދާއެކު އިންފަންތީނޯވަނީ ފީފާ މެމްބަރު ގައުމުތަކަށް ފީފާއިން ދޭ ފައިސާގެ އެހީވެސް އިތުރުކުރައްވާނެކަމަށް މެނިފެސްޓޯގައި ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ޔޫއެފާގެ ޖެނެރަލް ސެކެޓްރީގެ މަޤާމް މީގެ ކުރިން ފުރުއްވި އިންފަންތީނޯވަނީ ފީފާ ވޯލްޑްކަޕް އެއް ބައްރެއްގައި ބޭއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. 

އިންފަންތީނޯ އަކީ ސަސްޕެންޝަނުގެ ސަބަބުން ފީފާގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެން ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ ފަރާތުން ފީފާގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ. 

ޔޫއެފާގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ޖިއާނީ އިންފަންތީނޯއަކީ ފީފާގެ ރިފޯމް ކޮމިޓީގައިވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް ފީފާގެ އެއްވެސް ޓެކްނިކަލް މަގާމެއް އެބޭފުޅާ މީގެ ކުރިން ފުރުއްވާފައެއް ނުވެއެވެ. ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް ޔޫރޯއަށް ގިނަ ބަދަލްތަކެއް ގަނައުމުގައިވެސް އިންފަންތީނޯވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ޔޫރޯގައި ވާދަކުރާ ޓީމްތަކުގެ އަދަދު 24އަށް އިތުރުކުރެއްވުމާއި، 2020 ވަނަ އަހަރުން ފެށިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕުގެ އެކި ސިޓީތަކުގައި ބާއްވަން ނިންމެވުން ފާހަގަކޮށްލެވެއެވެ.