ޚަބަރު

އެޗްޑީސީގެ "ހޮޅުއަށި" މައިޒާން ގެންގޮސްދެނީ މާޒީގެ ތެރެއަށް


ހުޅުމާލޭ ފޭސް 1 ގައި އެޗްޑީސީން ހޮޅުއަށި މައިޒާން ނަމުގައި އައު ޕާކެއް ހުޅުވައިފިއެވެ.

މި ޕާކު ރޭ ހުޅުވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ. ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އާތިފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީއެސްއާރު ޓީމުން ކުރި މަސައްކަތެއް ކަމަށެވެ.

"ހޮޅުއަށި މައިޒާން"ގެ ނަމުން ނަންދީފައިވާ މި ޕާކު ހުޅުވާފައިވަނީ ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފުރަގަހުގައެވެ. މިޕާކްގައި ކުޑަކުދިންނަށް ހިތްފަސޭހަކަމާއެކު ކުޅެ އުޅެވޭނެ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.

އެޗްޑީސީން ބުނީ ހޮޅުއަށި މައިޒާނަކީ ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނެއްކަމަށެވެ.

މި މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ވަކި ތަނެއް ވަނީ ހަދާފައެވެ. އަދި މި ޕާކަކީ ދިވެހި ތާރީޚު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއެކު ހަދާފައިވާ ޕާކެއް ކަމަށާއި، ޕާކުގެ އެންމެ ޚާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށިކަމަށްވެސް އެޗްޑީސީން ބުނެއެވެ.