ޚަބަރު

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް


މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތެވެ. މީގެ އިތުރުން އެސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ރިވެޓްމަންޓްގެ ދެކޮޅުގައި ބޮޑުހިލައިން ދެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

124 ހެކްޓަރުގެ ބޮޑު މިލަންދޫ ގިރާތީ ހިމާޔަތްކުރަނީ ރަށުގެ އެންމެ ހިތްގައިމު އެއްސަރަހައްދުގެ ގޮތުގައި އޮންނަ ކަނޑޫފަލާ ކުރެދި ގަސްތައް އޮންނަ ސަރަހައްދެވެ. ރާއްޖެއިން ނެތި ގޮސްދާނެ ކަމުގެ ބިރުހީވެފައި އޮތް ގަސްތަކުގެ ތެރޭގައި ކުރެއްޖާ ކަނޑޫ ހިމެނޭތީ އެސަރަހައްދަކީ ދިވެހި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒްއިން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ގިރާ ގަސްތަކަށް ގެއްލުންވަމުންދާތީ ކައުންސިލުން މިކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ފިޝަރީޒްގެ ސަމާލުކަމަށް ގެނައެވެ. އެއަށްފަހު އެސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތައް އަވަސްކަމެއް ލިބުނުކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވިއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް މައުލޫމާތު ދިންގޮތުން ކޮންމެ ހުޅަނގެގައިވެސް މިހާރު ހިމާޔަތް ކުރާ ސަރަހައްދުގެ ޗަސް ބިމަށް ލޮނުގެ އަސަރުކޮށް އުދައަރާ ދުވަސްތަކުގައި މީހުން ދިރިއުޅޭ ގެތަކާ ހަމައަށް ލޮނުގެ އަސަރު ކުރެއެވެ. ރަށް ގިރާތީ ކަންބޮޑުވީ އެއަތޮޅު މާކަނޑޫދޫ މީހުން އެރަށަށް ބަދަލުކޮށް އާބާދުވި ހިސާބުންނެވެ. ބިން ބޮޑުނަމަވެސް ބިމުން ބޮޑުބައެއް ގިރައިގެން ދިޔަކަމުގެ އިޙްސާސްވީ އިތުރު ބަޔަކު ދިރިއުޅުމަށް ބިންދޫކުރި ހިސާބުންނެވެ. އެރަށު ކައުންސިލުން ބުނާގޮތުން އެރަށު ބިމުން 70000 އަކަފޫޓްގެ ބިން ވަނީ ގިރައިގެން ގޮސްފައެވެ.

އެރަށުގެ އެންމެ ބޮޑަށް ގިރާ ސަރަހައްދާ މީހުން ދިރިއުޅޭ ގެތަކާ ދެމެދު ހުރީ ގާތްގަނޑަކަށް 30 ފޫޓެވެ. ރަށްގިރުމުގެ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު ހުޅަނގުގެ ގަދަ ދުވަސްތައް އައުމުގެ ކުރިން ފޭސް ދޭއްގެ މަސައްކަތް ފަށައި ދިނުމަށް ޕްލޭނިން މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

"އެއީ ހުޅަނގުގައި ގަދަވާ ހިސާބުއެއީ ރަށަށް ލޮނު އަރުވާނެ އެދިމާލުންވެސް މިހާރު އަދި މިތަން ހިމާޔަތްކުރުމުން އައިސްދާނެ ބަދަލެއްވެސް އެބަޖެހޭ ދެނެގަންނަން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބިމުގެގޮތުން ތަނަވަސް ކަމެއް ލިބިފައިވާ މިލަންދޫ ގިރާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. މިލަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫޢުގެ ދަށުން 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ފޭސް އެކެއްގައި ހިމަނާފައެވެ.

ސަރުކާރުން އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކުރީ ދުއިސައްތަ ދުވަހުގެ ތެރޭގައި ނިންމާގޮތައް 36.69 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން ރަށުގެ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން ބަނދަރުގެ އީއައިއޭ ސާވޭގެ މަސައްކަތްކޮށްނިމިފައިވާއިރު އެ ރިޕޯޓް ޕްލޭނިންއަށް ހުށައެޅުމަށް ސާވޭހެދި ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. މިމަސައްކަތާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށް އުއްމީދުކުރާކަމަށާ، މިދެމަޝްރޫޢަކީވެސް ރަށަށް ވަރަށް މުހިއްމު ދެމަޝްރޫޢުކަން އެރަށު ރައްޔިތުން ޤަބޫލްކުރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.