ދުނިޔޭގެ ވިޔަފާރި

މާލީ ހަމަޖެހުމަށް އޮތް ނުރައްކާތައް އިތުރުވެއްޖެ: އައިއެމްއެފް


ކުރިއަރާފައިވާ ގައުމުތަކުގެ އިސްނެގުމުން މާކެޓް ސްޓްރެސް ކުޑަވި ނަމަވެސް މާލީ ހަމަޖެހުމަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރުވެފައިވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިވާ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ޗައިނާ ޑިވެލޮޕްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިވާ ވިދާޅުވީ 2024 ވަނަ އަހަރަށް މާ އުންމީދީ ނަޒަރަކުން ބަލާއިރުވެސް ދުނިޔޭގެ ކުރިއެރުން އަދިވެސް އޮތީ އެވްރެޖްކޮށް %3.8 އަށްވުރެ މާ ދަށްކޮށް ކަމަށާއި ޖުމްލަކޮށް ބަލާނަމަ ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެއެވެ.

ޖޯޖީވާ ވިދާޅުވި ގޮތުގައި ބޭންކުތައް ބަނގުރޫޓުވުމާއި ގުޅިގެން ކުރިއަރާފައިވާ އިގްތިސާދުތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ރަނގަޅު ނިންމުންތަކެއް ނިންމާފައި އޮތް ނަމަވެސް އަދިވެސް ސަމާލުކަން ދޭން ޖެހެއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިއަންނަނީ ތަރައްގީއަށް އަންނަ ބަދަލުތައް ގާތުން މޮނިޓަރކޮށް، ދުނިޔޭގެ އިގްތިސާދީ ނަޒަރިއްޔާތާއި ދުނިޔޭގެ މާލީ ހަމަޖެހުމަށް ކުރިމަތިވެދާނެ އަސަރުތައް ވަޒަން ކުރަމުން". ޖޯޖީވާ ވިދާޅުވިއެވެ.

އިގްތިސާދީގޮތުން ނާޒުކު ގައުމުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޖިއޯ އިކޮނޮމިކް ފްރެގްމެންޓޭޝަންގެ ސަބަބުން ދުނިޔެ ވާދަވެރި އިގްތިސާދީ ބްލޮކްތަކަށް ބައިބައިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އެންމެން ނިކަމެތިވެ ރައްކާތެރިކަން ކުޑަވެދާނެކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

ޖޯޖީވާ ވިދާޅުވި ގޮތުގައި %5.2 ގެ ޖީޑީޕީ ކުރިއެރުމާއިއެކު ޗައިނާގެ އިގްތިސާދީ ދުވެލި މިއަހަރު ހަލުއިވާނެކަމަށް ލަފާކުރެވޭއިރު، މިއީ ދުނިޔޭގެ އިގްތިސާދި ކުރިއެރުމަށް ލިބުނު އުންމީދެކެވެ. ދުނިޔޭގެ އިގްތސާދީ ކުރިއެރުމުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ޗައިނާއިންނެވެ.

ޗައިނާގެ ޖީޑީޕީ ކުރިއެރުން %1 ޕޮއިންޓް އިތުރުވުމުން އޭޝިއާގެ އެހެން އިގްތިސާދުތަކުގެ ކުރިއެރުން %0.3 ޕޮއިންޓް އިތުރުވާކަމަށްވެސް އައިއެމްއެފްއިން ލަފާކުރާކަމަށް ޖޯޖީވާ ވިދާޅުވިއެވެ. އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު އަލުން ހަމަހަމަ ކުރުމަށް މަސައްކަތް ކުރުމަށް ޗައިނާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޖޯޖީވާ އިލްތިމާސް ކުރެއްވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ޗައިނާގެ އިގްތިސާދު އަލުން ހަމަހަމަކުރުމުން ޗައިނާއިން ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތަކަށް ވާސިލްވުމަށްވެސް އެހީތެރިވެދޭނެއެވެ. އަދި ހަކަތައަށް އޮންނަ ޑިމާންޑް ދަށްވެ، ގޭސް ބޭރުވުން މަދުވެ، ހަކަތައިގެ ސަލާމަތީ ޕްރެޝަރުތަކަށް ލުއި ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ދުނިޔޭގެ އިގްތިސާދީ ދުވެލި މިއަހަރު %2.9 އަށް ހަލުއިވާނެ ކަމަށް ލަފާކޮށްފައިވާއިރު، އައިއެމްއެފް އިން އަންނަ މަހު އާ ލަފާކުރުންތަކެއް އާންމު ކުރަން ވަނީ ހަމަޖެހިފައެވެ.