ޚަބަރު

ރޯދަމަހު ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް


ކޮންމެ ރޯދަމަހަކުވެސް ރައްޔިތުންނަށް ހެޔޮ އަގުގަައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިރޯދަމަހުވެސް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

އެސްޓީއޯއިން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެކުންފުނިން ވަނީ 1 މަސްކުރިން މުދާ އެތެރެކުރަން ފަށާފައެވެ. އޭގެތެރޭގައި ފިޔާ، ބިސް، އަލުވި، ކާޑުގެ ބާވަތްތައް އަދި ކާތެޔޮ ފަދަ ތެކެތި ހިމެނެއެވެ. އެގޮތުން މިހިނގާ މާޗުމަހުގެ ފުރަތަމަ ދުވަހު އެކުންފުނިން ވަނީ ފިޔާ، ބިސް، އަލުވީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކާ އަގުތަކަށް ބަލާއިރު އަލުވި ކިލޯއެއް 11 ރުފިޔާއަށް، ފިޔާ ކިލޯއެއް 9 ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240ރުފިޔާއަށް، ބިސް ކޭހެއް 280 ރުފިޔާއަށް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ.

އެސްޓީއޯއިން ވިދާޅުވީ އެހެން ރޯދަ މަސްތަކާއި އެއްގޮތަށް ބާޒާރުމަތީގައި އަގު އުފުލޭ ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް މިއަހަރުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން، ބާޒާރުމަތީގައި ލުނބޯގެ އަގު އުފުލުމާއިއެކު އެސްޓީއޯއިން ވަނީ ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވޮއްކަން ފަށާފައެވެ.

ބާޒާރުމަތީގައި ލުނބޯ ކިލޯއެއް ލިބެނީ 80 ރުފިޔާއާއި 100 ރުފިޔާއާއި ދެމެދު އަގަކަށެވެ. އެސްޓީއޯއިން ލުނބޯ ވިއްކަނީ ކިލޯއެއް 60 ރުފިޔާއަށެވެ.

މީގެއިތުރުން ބާޒާރުގައި ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސް.ޓީ.އޯއިން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ބާޒާރުގައި ކާށީގެ އަގު ވަނީ 30 ރުފިޔާއިން މައްޗަށްވެސް އަރާފައެވެ. އެގޮތުން ކާށީގެ އަގު ކޮންޓްރޯލްކުރުމަށް އެސް.ޓީ.އޯއިން ގެންނަ ކާށި ޝިޕްމަންޓް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސް.ޓީ.އޯއިން ބުނީ ރޯދަމަހު ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ރޯދަމަހު ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށެވެ.