ޚަބަރު

އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި މާފަރުން ދައްކަނީ ނަމޫނާ


ޒުވާނުންގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެ ވަބާއިން އަރައިގަތުމަށް ނުވަތަ އެޙީތެރިކަމަށް ބޭނުންވާ އެތައް ޒުވާނުންނެއް މިއަދުގެ މުޖުތަމައުގައި އެބަތިއްބެވެ. މިފަދަ ފަރާތްތަށް މުޖުތަމަޢުއަށް ނެރުމަށް ސަރުކާރުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގަމުންނެވެ. ނަމަވެސް ރަށްރަށު ފެންވަރުގައި މިކަން ކުރަނީ ވަރަށްވެސް މަދު ރަށެއްގައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑެތި އާބާދީތަކުގައި ޚާއްޞަކޮށް ބޮޑު މައްސަލައެކެވެ. އެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން އަރައިގަތުމަށް މުޅި މުޖުތަމަުގެ އެހީތެރިކަން ބޭނުންވެއެވެ. މުޖުތަމައުގައި ކިޔަވައިގެން ތިބި މީހުންނާއި، ހެވައި ނުބައި ވަކިކޮށްދޭން ތިބޭ އެޒުވާނުންގެ ބެލެނިވެރިންނަށްވެސް އެކަން ކުރެވިދޭނެއެވެ.

މުޖުތަމަޢުން މީހުން ބާކީނުކޮށް އެންމެންގެ ބައިވެރިވުމާއެކު ކަންކަން ކުރަން ދަސްކުރުމަކީ ކައުންސިލްތަކަށް މިއަދު ކުރަން އެންމެ އުނދަގޫ އެއް މަސައްކަތެވެ. ސިޔާސީ ޚިޔާލު ތަފާތުވުން ތެރެއަށް ކަންކަން ވައްދާ މުޖުތަމަޢުގެ ފޭރާން ހަޑިވަމުންދާ އެތައް ރަށެއް މިކުޑަކުޑަ ގައުމުން މިއަދު ދަނީ ފެންނަމުންނެވެ. މަސްތުވާތަކެއްޗާ އެނޫންވެސް ގޯސް ކަންކަމުގައި ޖެހިގެން މުޖުތަމައުއިން ބޭކާރުކޮށްލާފައި ތިބި ޒުވާނުންދަނީ އިތުރުވަމުންނެވެ.

މިފަދަ މީހުން މުޖުތަމައުއަށް އަނބުރާގެނައުމަށް ކުރަންޖެހޭ މަސައްކަތް ވަރަށްވެސް ބުރައެވެ. އެކަން ކުރެވޭނީ އެ މުޖުތަމަޢުއެއްގައި ތަންދޮރުދަންނަ މީހުންގެ ފުރިހަމަ އެއްބާރުލުމާއެކީއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުއަށް އަނބުރާ ނެރުމަށް ނަމޫނާ މަސައްކަތްތަކެއް ކުރާ އެއް ރަށަކީ ނ.މާފަރެވެ. މުޖުތަމައުއިން އެކި ގޮތްގޮތުން ބޭކާރުކޮށްލާފައި ތިބި ޒުވާނުން މުޖުތަމައުއަށް އެމީހުން ނެރުމަކީ މާފަރު ކައުންސިލުން ކުރާމުހިންމު މަސައްކަތެވެ.

މާފަރު ކައުންސިލުން ގަބޫލުކުރާގޮތުގައި އެކިއެކި ގޯސް އަމަލުތައްކޮށްފައި ތިބޭމީހުން ބައިވެރިނުކޮށް މުޖުތަމައުއިން ބޭކާރުކޮށްލައިގެން ރަށެއް ކުރިއަރައިދާނެކަމަށް ގަބޫލު ނުކުރެއެވެ. އަދި ހަޅޭލަވައި އަދަބުދީގެން މީހުން ރަނގަޅުކުރުމަށްވުރެ ފަރުވާއާއި މުޖުތަމަޢުގެ އެހީ ދީގެން އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރެވިދާނެކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނާއި އެ ކައުންސިލުން ޤަބޫލުކުރެއެވެ. އަދުނާނު ވިދާޅުވީ ރަށުގެ އިޖްތިމާއީ ފޭރާން ޠާހިރުވެގެންންނޫންގޮތަކަށް ރަށެއް ކުރިއަރައި ދިއުމަށް ދަތިވާނެކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމަޢުއަށް ނުނެރެވޭނެކަމަށް ޤަބޫލުކޮށް އެކަހެރިކޮށްލާފައި ދޫކޮށްލުމުގެ ބަދަލުގައި އެމީހަކީ މުޖުތަމައުއަށް ބޭނުން ހިފޭ މީހެއްކަން އަންގައިދީ އެމީހާގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފޭކަން ދައްކައިދިނުމަކީވެސް މާފަރު ކައުންސިލުން ކުރާ އެންމެ މުހިންމު އެއްމަސައްކަތެވެ.

"ކައުންސިލުން އިޖްތިމާއީ މައްސަލަތައް ދެނެގަނެ ރަށުތެރޭގައި ކަމެއް ނެތިފައި އުޅޭ ޒުވާނުން މުޖުތަމައުއަށް ނެރުމަށް މަސައްކަތް ވަރަށް ކާމިޔާބުކަމާއެކީ ކުރިއަށްދޭ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން ރަނގަޅުނުވާނެކަން އެންމެންވެސް ގަބޫލުކުރޭ. އެންމެން ރަނގަޅު ނުވިޔަސް މުޖުތަމައުއަށް ރަނގަޅުވެގެން އަންނަން ބޭނުންވާ ބަޔަކުތިބިނަމަ އެމީހުން ރަނގަޅު ވޭތޯ މަސައްކަތް ކުރުމަކީ ކައުންސިލަށްއޮތް އެންމެ ބޮޑު އެއްޒިންމާ" މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވިއެވެ.

ބޭނުމަކީ ރަށުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުން

މުޖުތަމަޢުގައި ބާކިވެފައި ތިބޭ ޒުވާނުންނަށް ހާއްސަކޮށްގެން މިހާތަނަށް ތިން ދާއިރާއަކުން މީހުން ތަމްރީންކުރުމުގެ ކޯސްތައް މަފަރު ކައުންސިލުން ވަނީ ހިންގާފައެވެ. އެއީ އިލެކްޓިކަލް ވަޔަރިން ކޯހާއި، ނިޔަމި ކޯހަކާއި، ފްރްންޓް އޮފީސް ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ކޯހެއް ވަނީ ހިންގާފައެވެ. އަދި މިއަހަރުގެ މެދެއްހާހިސާބުގައި އެއަރކަނޑިޝަން ރިޕެއަރ ކުރުމުގެ ކޯހެއް ހިންގުމަށް މާފަރު ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. މާފަރު ކައުންސިލުން ކޯސްތައް ކުރިއަށް ގެންދަނީ ޒުވާނުން ބޭނުންވާ ދާއިރާތަ ދެނެގަތުމަށް އެމީހުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެންނެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ގޮތަށް ކުރިއަށްގެންދާ މިކޯސް ތަކުގެ ނަތިޖާ ފެންނަމުންދާކަމަށް އަދުނާނު ވިދާޅުވިއެވެ.

"ހާސިލްވާނެ އެކަމު ދުވަސް ނަގާނެ ކޮންމެވެސް ބަޔަކު ރަނގަޅުވެގެން އަންނާނެ. މުޖުތަމައުއަށް ތިޔަ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކޮންމެވެސް ބަޔަކު ނެރޭނަން އެއީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް. މިގޮތައް ކުރިއަށްގޮސް ބާކީވެފައި ތިބިޒުވާނުން އެކިއެކި ދާއިރާތަކުން ނެރެވިގެންދާނެ" މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމްތައް ހިންގަނީ ހަމައެކަނި މުޖުތަމައުއިން ބާކީވެފައި ތިބޭ ޒުވާނުންނަށް އެކަންޏެއްނޫނެވެ. ރަށުގައި އުޅޭ ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މިކޯސްތައް ހާއްސަކުރެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މުޖުތަމައުއަށް ނުކުމެ މަސައްކަތްކުރަން ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު މާފަރު ކައުންސިލުން އަންނަނީ ފޯރުކޮށްދެމުންނެވެ. އާންމުކޮށް ރައްރަށުގައި މިފަދަ ހަރަކާތްތައް ހިންގަމުން އަންނަނީ ކޮންމެވެސް ޖަމްއިއްޔާއަކުންނެވެ. އެހެންނަމަވެސް މާފަރުން މިދަނީ ކައުންސިލްތަކަށް ނަމޫނާއެއް ދައްކަމުންނެވެ. އަދި އެ ކައުންސިލްގެ އަމާޒަކީ މާފަރަކީ އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި އަބަދުވެސް އޮތުމެވެ. މިރަށް އަމާން ތަނެއްގެ ގޮތުގައި ދެމި އޮންނަނީ ކައުންސިލާ ފުލުހުން ގުޅިގެން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތަކާ އެ ދެ މުއައްސަސާއިން ކުރާ މަސައްކަތްތަކުންނެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ މިފަދަ ވަބާގައި ޖެހިފައި ތިބި ޒުވާނުން މުޖުތމައުއަސް ރަނގަޅުކޮށް ނެރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އިންސާނިއްޔަތައްޓަކައި ކައުންސިލަކުން ކުރުން އެންމެ ރަނގަޅު އެއް މަސައްކަތެވެ. އިޖްތިމާއީ ފޭރާން ހަލާކުވެފައި ނުވަތަ ހަލާކުވަމުން ދާނަމައީ އެތަނެއް ކުރިއަރައި ދިއުމަށް އެތައް ހުރަސްތަކެއް ހުންނާނެއެވެ. މާފަރަކީ ރާއްޖޭގެ އުތުރުން އެންމެ ބޮޑު އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަ ރަށެކެވެ. ކުރިއަށް މިއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަށުގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކައުންސިލުން ވަނީ ފަށާފައެވެ.

ހަމައެކަނި މަސްތުގެ ވަބާއިން ނޫނަސް މުޖުތަމައުއިން މީހުން ބާކީވެދެއެވެ. ތަފާތު ކުރުމާ ހަނގާކުރުންފަދަ ކަންކަމަކީ މިހާރު މުޖުތަމައުގެ ފޭރާން ހަލާކުކޮށްލާ
ނުބައި އާދަތަކެކެވެ. އެ އަމަލުގެ ސަބަބުން މުޖުތަމައުއިން ބާކީވާ ޒުވާނާއި، މަސްތުގެވަބާގައި ނުވަތަ އެނޫންވެސް ގޯސްމަގަކުން ދިއުމަށް ބާރު އަޅަނީ އަޅުގަނޑުމެންގެ މުޖުތަމައުއެވެ.