ޚަބަރު

ބެލަރުސްގައި ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ޕުޓިން ނިންމަވައިފި


ބެލަރުސްގައި ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ނިންމަވައި، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ނޭޓޯއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ބެލަރުސްއަކީ ޔޫކްރެއިނުގެ އުތުރުން އިރުމަތީ ވިލާތުގައި އޮންނަ ޤައުމެކެވެ. އެ ޤައުމަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ފޮނުވަން ނިންމާފައި މި ވަނީ، ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯއިން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅިގެންނެވެ.

ބެލަރުސްގައި ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ރަޝިޔާއިން ނިންމުމާ ގުޅިގެން ރަޝިޔާއާއި ނޭޓޯގެ ޤައުމުތަކުގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވި ނަމަވެސް، ނިއުކްލިޔަރ ހަތިޔާރާ ބެހޭ "ނަން-ޕްލޮރިފެރޭޝަން" އެއްބަސްވުމަށް އިޙުތިރާމުކުރާނެ ކަމަށާއި، އެއީ ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ވިއްކުން ނޫން ކަމުގައި ޕުޓިން ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން، މިއީ ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރާ ގުޅޭ ގޮތުން ނިންމާފައިވާ އެންމެ ފާހަގަކުރެވޭ، އަދި އެންމެ ނުރައްކާތެރި ނިންމުމެވެ. ބެލަރުސްގައި ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ރަޝިޔާއިން ނިންމި ނަމަވެސް، ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމުގައި އެމެރިކާއިން ބުނެއެވެ.

ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެހެއްޓުމަކީ، އެމެރިކާއިން ވިލާތުގެ ޤައުމުތަކުގައި ނިއުކްލިޔަރ ހަތިޔާރު ބެހެއްޓުމާ އެއްފަދަ ކަމެއް ކަމުގައި ޕުޓިން ވިދާޅުވިއެވެ. ބެލަރުސްގައި ބަހައްޓާ ނިއުކްލިޔަރ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ ބާރު ބެލަރުސްގެ އަސްކަރިއްޔާއިން ނުދޭނެ ކަމުގައި ޕުޓިން ވިދާޅުވި ނަމަވެސް، މިއީ 1990ގެ މެދުތެރެއަށް ފަހު ރަޝިޔާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އެހެން ޤައުމަކަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

"މިއީ އެއްވެސް ވަރަކަށް އާދަޔާ ޚިލާފު ކަމެއް ނޫން. އެމެރިކާއިން ވެސް އެތަކެއް އަހަރެއް ވެއްޖެ އެހެން ޤައުމުތަކުގައި ނިއުކްލިޔަރ ހަތިޔާރު ބަހައްޓާފައި ހުންނަތާ. އަހުރެމެން ވެސް ކުރަން މި އުޅެނީ އެ ކަންތައް. ބައިނަލްއަޤުވާމީ އެއްވެސް ޤާނޫނަކަށް ނުވަތަ އެއްބަސްވުމަކާ ޚިލާފު އަމަލެއް ކުރާކަށް ނޫޅެން. އަދި ނިއުކްލިޔަރ ހަތިޔާރާ ބެހޭ ނަން-ޕްލޮރިފެރޭޝަން އެއްބަސްވުމަށް ރަޝިޔާއިން ފުރިހަމައަށް އިޙުތިރާމު ކުރާނެ،" ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ނޭޓޯގެ ޤައުމުން ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަކީ ރަޝިޔާއިން ޤަބޫލު ކަމެއް ނޫނެވެ. ނޭޓޯއިން ފޯރުކޮށްދެމުންދާ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރުތަކާ އެކު، ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާ ސިފައިންނަށް ވަނީ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ރަޝިޔާއިން ގަބޫލުކުރާ ގޮތުގައި، ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަކީ އެ ޤައުމާއި ހުޅަނގުގެ ޤައުމުތަކުގެ ގުޅިފައިވާ އިއްތިހާދަކާ ދެމެދު ކުރަމުންދާ ހަނގުރާމައެކެވެ.

ބެލަރުސްއަށް ރަޝިޔާއިން ފޮނުވަން ނިންމާފައި ވަނީ "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރެވެ. މިއީ، ހަނގުރާމައިގެ މައިދާނުގައި، ވަކި ހާލަތްތަކެއްގައި ބޭނުންކުރުމަށް އުފައްދާފައިވާ ހަތިޔާރެކެވެ. އަދި، މިއީ ބޯޑެތި ރަށްތައް ދުނިޔޭގެ ޗާޓުން ފޮހެލާ ފަދަ ނުރައްކާތެރި ހަތިޔާރެއް ނޫނެވެ. ރަޝިޔާއިން ބެލަރުސްއަށް ފޮނުވާފައި ވަނީ ކިތައް ނިއުކްލިޔަރ ހަތިޔާރު ކަން އަދި ސާފެއް ނޫނެވެ. ބެލަރުސްއާ އިންވެގެން ނޭޓޯގެ ތިން މެންބަރު ޤައުމު އޮވެއެވެ: ޕޮލެންޑް، ލިތުއޭނިޔާ އަދި ލެޓްވިޔާއެވެ.