ދުނިޔޭގެ ވިޔަފާރި

ސްޕެއިންގައި ޒައިތޫނި ތެޔޮ އުފައްދާ މިންވަރު މަދުވެއްޖެ


ސްޕެއިންގައި ހަނަފަސްކަން އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެގައުމުގައި ޒައިތޫނި ތެޔޮ އުފެއްދުން ދެބައިކުޅަ އެއްބަޔަށް ދަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރަސްމީ އަންދާޒާތަކުން ދައްކައިފިއެވެ.

މުޅި ދުނިޔޭގައި އުފައްދާ ޒައިތޫނި ތެލުގެ %40 ވަރަކަށް އިންސައްތަ ސަޕްލައި ކުރަނީ ސްޕެއިންއިންނެވެ. ނަމަވެސް މިދިޔަ ހޫނު މޫސުމުގައި ޒައިތޫނި ގަސްތަކުގައި މާ އެޅިއިރު، ހޫނު ގަދަވުމުގެ ސަބަބުން މިދިޔަ ހޫނު މޫސުން ނިންމެންދެންވެސް ސްޕެއިން އޮތީ ހަނަފަސްވެފައެވެ. މީގެއިތުރުން މުޅި ދުނިޔެއިން 2 ވަނައަށް އެންމެ ގިނައިން ޒައިތޫނި އުފައްދާ އިޓަލީ އާއި 4 ވަނަ އަށް އެންމެ ގިނައިން ޒައިތޫނު އުފައްދާ ޕޯޗުގަލްއިން ޒައިތޫނި ތެޔޮ އުފެއްދި މިންވަރުވެސް ވަނީ ދަށްވެފައެވެ.

ނަމަވެސް ޔޫރަޕް އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން 3 ވަނަ އަށް އެންމެ ގިނައިން ޒައިތޫނި ތެޔޮ އުފައްދާ، ގްރީސްގެ އުފެއްދުންތެރިކަން އިތުރުވާނެއެވެ. އުފެއްދުންތެރިކަން އިތުރުވި ނަމަވެސް ސްޕެއިންއިން ޒައިތޫނި ތެޔޮ އުފައްދާ މިންވަރު މަދުވުމުން ބާޒާރަށް ބޭނުންވާ ވަރަށް ގްރީސްގެ އުފެއްދުންތެރިކަން އިތުރެއް ނުކުރެވޭނެއެވެ.

ހަނަފަސްވުމާއި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސްޕެއިންގެ ނޭޝަނަލް އެސޯސިއޭޝަން އޮފް އެޑިބަލް އޮއިލް ބޮޓްލަރސްގެ ވެރިޔާ ޕްރިމިޓިވޯ ފަރްނާންޑޭޒް މިކަން ސިފަކުރެއްވީ ކާރިސާއެއްގެ ގޮތުގައެވެ.

ސްޕެއިންގެ އެކްސްޕޯޓާސް އެސޯސިއެޝަން، އޭސޮލިވާއިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރާއި ބަލާއިރު މިއަހަރު ޒައިތޫނި ތެޔޮ މުޅި ދުނިޔެއިން ލިބޭ މިންވަރު އެންމެ މަދުވެގެން %10 އަށް ދަށްވާނެއެވެ. 2021 ވަނަ އަހަރު ސީޒަން ނިމުނިއިރު 3.1 މިލިއަން ޓަނުގެ ޒައިތޫނި ތެޔޮ ވަނީ އުފައްދާފައެވެ.

ސްޕެއިންގައި އެންމެ ގިނައިން ޒައިތޫނި ތެޔޮ އުފައްދާ ޑީކޫޕްއިން ބުނިގޮތުގައި ވާރޭނުވެހި ދާ ކޮންމެ ދުވަހަކު އުފެއްދުންތެރިކަންވެސް ދަށްވާނެކަމަށެވެ.

މިދިޔަ އަހަރު ސްޕެއިންގައި ޒައިތޫނި ތެޔޮ ފުޅިއެއްގެ އަގު %60 އުފުލިފައިވާކަމަށް ދާއިރާއާއި ގުޅުން ހުރި ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިއެވެ.

ޒައިތޫނި ތެލުގެ އަގު އެންމެ ފުރަތަމަ އުފުލުނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ސަންފްލާވަރ ތެޔޮ ލިބުން ދަތިވުމުންނެވެ. ނަމަވެސް އޭގެފަހުން ހަނަފަސްވުމާއި، އިންފްލޭޝަން މައްޗަށް ގޮސް، ގަސް ކާނާގެ އަގު އުފުލުމުގެ ސަބަބުން ތެލުގެ އަގު އިތުރަށް އުފުލުނެވެ.