ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ. އިލެކްޝަނުން ވިދާޅުވީ މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ.
ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.
ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ޙުސައިން ރިޒާއެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީމަހު އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.