ވިޔަފާރި

ފުލުހުން މެދުވެރިކޮށް މީރާއަށް މީހުން ހާޒިރުކުރަނީ


މީރާއިން އެންގުމުން އެއިދާރާއަށް ހާޒިރުނުވާ ފަރާތްތައް، ފުލުހުން މެދުވެރިކޮށް ހާޒިރުކުރާ ޤަވާއިދު އިސްލާހުކޮށް، ގެޒެޓް ކުރައްވައިފިއެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤަވާއިދު ކުރިން އޮތް ގޮތުން މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް މީހަކު ހާޒިރުވާން އެންގުމުގެ ބާރު ލިބިފައިވެއެވެ. ނަމަވެސް ހާޒިރުވާން އަންގާ ފަރާތެއް މީރާއަށް ހާޒިރު ނުވެއްޖެނަމަ އެމީހަކާއި މެދު އެޅޭނެ ފިޔަވަޅެއް، ނުވަތަ ދެން އަމަލުކުރާނެ ގޮތެއް ޤަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.

މިޤަވާއިދަށް މިހާރު ގެންނަވާފައިވާ ބަދަލުގައިވާ ގޮތުން، މީރާ ހާޒިރުވުމުގެ އަމުރެއް ފޮނުވާފައިވާ ފަރާތަކުން މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، ހާޒިރުވާންޖެހޭ ގަޑީގެ އެއްގަޑިއިރު ކުރިން މީރާއަށް އަންގަވަންޖެހޭނެއެވެ. އަދި ހާޒިރު ނުވެވޭނެކަން މީރާއަށް ނާންގައި ވިދިވިގެން ދެ ފަހަރު ހާޒިރުނުވެއްޖެނަމަ، ނުވަތަ ހާޒިރުވުމުގެ އަމުރާއި ވިދިވިގެން ދެ ފަހަރު ހަވާލު ނުވެއްޖެނަމަ ފުލުހުން މެދުވެރިކޮށް އެ ފަރާތެއް މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހާޒިރުކުރެވޭނެކަމަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤަވާއިދަށް ގެންނަވާފައިވާ އިސްލާހުގައިވެއެވެ.

މިޤަވާއިދަށް ގެންނަވާފައިވާ ބަދަލުގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކާއެކު މީރާއިން ކުރާ އެންމެހައި މުޢާމަލާތްތައް އީމެއިލް މެދުވެރިކޮށް ކުރުމުގެ ބާރު ކޮމިޝަނަރ އޮފް ޖެނަރަލް އޮފް ޓެކްސޭޝަންއަށް ލިބިދެއެވެ.

ޓެކްސް ނެގުމާއިބެހޭ އިދާރީ ޤަވާއިދަށް ގެނެވުނު އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިޤަވާއިދަށް އަމަލުކުރަން ފަށާފައެވެ.