ޚަބަރު

ބަރަކާތްތެރި ރަމަޟާންމަހާއެކު އިޖުތިމާޢީ ފޭރާން ހެޔޮކުރުމަށް ފުރުޞަތެއް


ދިވެހި މުޖުތަމަޢުންވެސް މިއަދު ފެންނަ މައިގަނޑު މައްސަލައަކީ ބައިބައިވުމެވެ. ޢާއިލީ ގުޅުންތައް ބަލިކަށިވެގެންދިޔުމެވެ.

މިފަދަ އެތައް މައްސަލައެއް ޙައްލުކޮށް ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮކުރުމަށް މިބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މިޤައުމުގެ ކޮންމެ ދަރިއަކުވެސް މިއަދު ކުރަންޖެހިފައިވާކަމެކެވެ. ރޫޙާނީ އެތައް ފައިދާއެއް މިމަހުގައި ލައްވާފައިވާއިރު މިމަހުގެ އިޖުތިމާޢީ ފައިދާވެސް ކުޑައެއް ނޫނެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ހުރިހާ މުސްލިމުންވެސް އެންމެ އިންތިޒާރުކުރާ މަހެވެ. އެއީ އެމަހަކީ ބަރަކާތުން ފުރިގެންވާ މަހަކަށްވާތީއެވެ. މީހުންގެ ހިތްތަކަށް ރޫޙާނީ ހަމަޖެހުން ގެނުވާ މަހަކަށްވުމުންނެވެ. އަދުގެ ޙާލަތަށް ބަލާނަމަ، މުޅި މުޅުތަމަޢުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބައިބައިވުމުގެ މައްސަލައެވެ. މިމަހުގެ އިޖުތިމާޢީ ފައިދާތަކަށް ބަލާއިރު، ރަމަޟާން މަހާއެކު މިކަމަށް ބޮޑު ބަދަލެއް އައިސް މުޅި މުޖުތަމަޢުގައިވެސް ގުޅުން ބަދަހިވެގެންދާތަން ފެނިގެންދެއެވެ.

ޢާއިލީ ގުޅުންތައް ވަރުގަދަވުން:

ޢާއިލާއާއި އެކު ހޭދަކުރާ ވަގުތު މަދުވެ ޢާއްމު މަސްމަހުގައި އެންމެންވެސް އުޅެނީ ހޭބޯނާރައެވެ. ޢާއިލާގެ ކަންކަމަށް ފަރުވާތެރި ނުވެވި ބައެއް ޢާއިލާތައް ރޫޅުމުގެ ހިތްދަތިކަން މިމުޖުތަމަޢުގެ އެތައް ބަޔަކު އަންނަނީ އުފުލަމުންނެވެ. މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެ، ޢާމްދަނީ ފަހަތުން ގިނަ ބަޔަކު ވަގުތުތައް ހޭދަކުރަމުންދާއިރު އަމިއްލަ ޢާއިލާއާއި އަނބިދަރިން ބިކަވެ އަޅާލުމަށްވަނީ ބޭނުންވެފައެވެ.

ރަމަޟާން މަހަކީ ކޮންމެ މީހަކުވެސް ރަސްމީ މަސައްކަތުގައި ހޭދަކުރާ ވަގުތު މަދު މަހެކެވެ. އަޅުކަމުގައި ޝަމިލުވާ ވަގުތު އިތުރުކޮށް ޢާއިލާއާއިއެކު ތިބޭ ވަގުތުތައް މިމަހު އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް ރަނގަޅުވެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.

އަނބިދަރިންނާއެކު އުފާވެރި ވަގުތު ހޭދަކުރުމާއެކު، ގޭގައި ނޫޅޭ ޢާއިލީ މެމްބަރުންނާއިވެސް ބައްދަލުވާ މިންވަރު އިތުރުވެ ގުޅުންތައް ހަރުދަނާވެއެވެ. ރޯދަވީއްލުމަށާއި، ތަރާވީސްދަމަށް ޢާއިލާގެ މެމްބަރުންނަށް ދަޢުވަތުދީ، އެކުގައި ހޭދަކުރާ ވަގުތުތައް އިތުރުވެ އެކަކު އަނެކެއްގެ އިޙްސާސް ދެނެގަނެވި، މިމަހުގައި ގުޅުންތައް ބަދަހިވެގެންދެއެވެ.

އެތައް ބައެއްގެ ޞަދަޤާތްތަކާއެކު، ޢާމްދަނީގެ ފަރަޤާއި ދުރަށް!

ކޮންމެ މުޖުތަމަޢެއްގައިވެސް ހުރިހާ ކަމެއް ފުދިގެން ތިބޭ މީހުންނާއި، އެކި ބޭނުންތައް ފުއްދުމުގައި ނުކުޅެދިފައިވާ މީހުންވެސް ތިބެއެވެ. އެކަކު އަނެކެއްގެ މެދުގައި އޮންނަ މާލީ ތަނަވަސްކަމުގެ ފަރަޤު ބޮޑުވުމުގެ ސަބަބުން ފަޤީރުންގެ އަގު ތަނަވަސްމީހުންގެ ކުރިމަތީގައި ނޯންނަ ފަދައެވެ. އަދި ނިކަމެތިންގެ ހިތުގައި، ތަނަވަސް މީހުންނާއި މެދު ހިތްބުރަކަމާއި އަމިއްލަ ނަފްސުގެ ނިކަމެތިކަން އަޅާކިޔުމުގެ އާދަ އަށަގަނެފައިވެއެވެ. މިއީ މުޅި މުޖުތަމަޢުގެ ގުޅުން ހީނަރުވެ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ހުށައެޅެން މެދުވެރިވާ ސަބެބެކެވެ.

ރަމަޟާން މަހުގެ ސަބަބުން، ދީން ބާރު އަޅާފަދައިން ތަނަވަސް މީހުންގެ މުދަލުން ނިކަމެތިންނަށް ހޭދަކުރާތަން ފެނިގެންދެއެވެ. ރަމަޟާން މަހު ގެއަށް ބޭނުންވާ ކާބޯތަކެތޯގެ އެކި ބާވަތްތައް ނިކަމެތިންނަށާއި ޢާއިލާ މީހުންނަށް، ޞަދަޤާތުގެ ގޮތުގައި ފޯރުކޮށްދިނުމުގެ އާދަ ކޮންމެ ރަމަޟާން މަހަކު މިދިވެހި މުޖުތަމަޢުންވެސް ފެނިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ނިކަމެތިންގެ ހިތުގައި ތަނަވަސް މީހުންނާއި މެދު އޮތް ހިތްބުރަކަން ފިލައި ދިޔުމާއި، މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުކުރުމުގެ ސަބަބުން ތަނަވަސް މީހުންގެ މުދަލުގައި ބަރަކާތް އިތުރުވެ، މުދާ އިތުރުވެގެންދެއެވެ.

އަތުން ހޭދަކުރުމާއި ޢާއިލާއާއިއެކު ވަގުތު ހޭދަކުރުމުގެ ސަބަބުން މުޖުތަމަޢުގައި ހުރި މިފަދަ ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާއިރު ބަރަކާތްތެރި ރަމަޟާން މަހު މިމަޤުސަދުތައް ޙާސިލުކުރުމަށް އެކަކު އަނެކަކަށް ބާރުއަޅަން ވާނެއެވެ. މުޖުތަމަޢުގައި ހުރި އިޖުތިމާޢީ އެތައް މައްސަލައެއް، ޙައްލުވެ ދިވެހި ބިމުގައި އޮތް ބައިބައިވުން ނައްތާލުމަށް މި ރަމަޟާން މަހުގައި އެންމެ އެކުގައި މަސައްކަތްކުރަމާތޯއެވެ.