ޚަބަރު

ހަނދު ބެލުމުގެ ބައެއް އާދަކާދަ


ބަރަކާތްތެރި ރަމަޟާން މަހުގެ ފެށުމާއި ނިމުން ގުޅިފައިވަނީ ހަނދުބެލުމާއެވެ. ކުރިން ބުރަ މަސައްކަތްތަކެއްކޮށް އަދި ހަނދު ފެނިއްޖެނަމަ ވަށަވަށައިގެންވާ ރަށްތަކަށް ހަނދު ފެނިއްޖެކަން ދައްކަން ބޮޑެތި ހުޅުޖަހައި ޚަބަރު ފޮނުވި ދުވަސްވަރެއްވެސް ދިޔައެވެ. އެއް ޤައުމެއްގެ އެއް ބަޔަކަށް ހަނދު ފެނި އަނެއް ބަޔަކަށް ހަނދު ނުފެނުމުން އެއް ބަޔަކު ރޯދަ ހިފައި އަނެއް ބަޔަކު އަނެއް ދުވަހު ރޯދަ ހިފި ދުވަސްތައްވަނީ މާޒީވެ ގޮސްފައެވެ.

ޒަމާން ބަދަލުވެ ހަނދުބެލުމަކީ ޢާއްމު ފަރުދަކަށް މިހާރު ބޮޑު ކަމަކަށްނުވި ނަމަވެސް އެ ކަން ކުރިން ކުރި އުޞޫލުން ކުރަމުންދާ އެތައް ބަޔަކު އަދިވެސް ދަނީ ޝައުޤުވެރިކަމާއެކު ކުރާހިތުން އެ ކަންކުރަމުންނެވެ. ޢާއްމު ފަރުދަކަށް ހަނދުބެލުމުގެ ތަކުލީފުން ސަލާމަތްވެ ފޯނަށް އަންނަ މެސަޖަކުން ނޫނީ ޓީވީން ކޮށްލާ އިޢުލާނަކުން މުލަރޯދަ ދުވަހަކީ ކޮބައިގެން ފަސޭހައިން އެނގެނީ ހަނދުބެލުމުމުގެ ފަންނުވެރިންގެ ސަބަބުންނެވެ. ހަނދު ބެލުމުގެ ބައެއް އާދަކާދައަށްވަނީ އެއް ހާސް އަހަރުވެފައެވެ.

އިސްލާމީ ޤައުމުތަކުގައި ދީނީ ކަންކަމުގައި ބޭނުންކުރަނީ ޙިޖުރީ ކަލަންޑަރެވެ. އެއީ ޢާއްމުކޮށް ގެންގުޅޭ މީލާދީ ކަލަންޑަރަށްވުރެ 10 ނޫނީ 11 ދުވަސް ކުރު ކަލަންޑަރެކެވެ. ޢާއްމުކޮށް ޙިޖުރީ ކަލަންޑަރެއްގެ ދިގުމިކަނީ 354 ދުވަހެވެ. އެއް އަހަރުން އަނެއް އަހަރަށް ރަމަޟާން މަސް އަންނަ ދުވަސް އަވަސްވަނީ އެހެންވެއެވެ. ޙިޖުރީ ރަމަޟާން މަހުގެ ކުރިން އަންނަނީ ޝަޢުބާން މަހެވެ. ހަނދުބެލުމުގެ މަސައްކަތް ފަށައިގަންނަނީ ޝަޢުބާން މަހުގެ 29ވަނަ ދުވަހުގެ އިރުއޮއްސުމުންނެވެ.

ހަނދު ބެލުމުގައި ސަޢުދީ ޢަރަބިއްޔާއިން ނިންމާ ނިންމުންތަކަށް އިސްލާމީ ޤައުމުތަކުން އަބަދުވެސް ބަލައެވެ. އޭގެ ތެރޭގައި ރަމަޟާން މަސް ފެށޭ ދުވަހާއި ނިމޭ ދުވަހާއި ޙައްޖު ދުވަހާއި ޢީދު ދުވަސްތައްފަދަ މުޙިއްމު އިސްލާމީ ދުވަސްތައް ހިމެނެއެވެ. ސަޢުދީ ޢަރަބިއްޔާގެ ނިންމުންތަކަށް އިސްލާމީ ޤައުމުތަކުން ބެލި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމަންވާނީ އެ ޤައުމުތަކުގެ އަމިއްލަ ހަނދު ސާބިތުކުރާ މަޖިލިސްތަކުންނެވެ. ބައެއް ޤައުމުތަކުން އަވަހަށް ނުވަތަ ލަހުން ރަމަޟާން މަސް ފަށަނީ އެހެންވެއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަނދުބެލުމަށް ޙަރަކާތްތެރިވަނީ އެ ޤައުމުގެ ސުޕުރީމު ކޯޓުގެ ޚާއްޞަ ކޮމިޓީއަކުންނެވެ. އެ މަސައްކަތުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެ ޤައުމުން އަބަދުވެސް ބާރުއަޅައެވެ. އައު މަހެއްގެ ހަނދު ފެންނަން ހުންނަނީ ވަރަށް ކުޑަ ވަޤުތުކޮޅަކަށެވެ. އެހެންކަމުން އެއްވެސް ފަރުދާއެއް ނެތި އަދި އެއްވެސް ހުރަހެއްނެތި ފަލަކީ ޢިލްމުވެރިންނަށް ހަނދު ފެނިއްޖެކަން ސާބިތުކުރެވޭ މާޙައުލެއްގައި ތިބުން މުޙިއްމެވެ. އެ ގޮތުން ހަނދުބެލުމަށް އެންމެ ގިނަ ޢަދަދެއްގެ ފަލަކީ ޢިލްމުވެރިން ޖަމާވާ ސަރަޙައްދަކީ ޙޫޡޯ ސުދައިރު ނަމަކަށް ކިޔާ އަވަށަކަށެވެ. އެއީ އެކަހެރި ފަރުބަދަމަތީ ސަރަޙައްދެކެވެ. އަދި އެއީ ހަނދުބެލުމަށް ފަސޭހަ ސަރަޙައްދެއްކަމަށް ފަލަކީ ޢިލްމުވެރިން ބުނެއެވެ.

ޒަމާން ބަދަލުވެ ހަނދުބެލުމަށް ބޭނުންކުރާ އާލާތްތައް މިހާރުވަނީ ތަރައްޤީވެފައެވެ. ހަނދުބެލުމަށް މިހާރު ގެންގުޅެނީ ބާރުގަދަ ޓެލެސްކޯޕުތަކާއި އެ ނޫންވެސް ސައިންސުގެ ޢިލްމެވެ. އެހެންކަމުން ހަނދު ނުފެނިގެން ކުރިން އަރާފައިވާ އޮޅުންތައް މިހާރު އަރާނެކަމަކަށް ނުބެލެވެއެވެ. ޢާއްމު ފަރުދުންނަށް އެއްވެސް ހާސްކަމެއް ނެތީ އެހެންވެކަމަށް ވެދާނެއެވެ.