ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ރޯދަހިފުމުގެ މައްސަރެއްނޫނެވެ. އެއީ ޤުރުއާން ކިޔަވައި ހޭދަކޮށް އުޅުމުގެ މައްސަރެވެ. ދީލަތިކަމުގެ މައްސަރެވެ. ފަޤީރުންނާއި އަދި މިސްކީނުންނާއި އަދިވެސް ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށް އެހީތެރިވުމުގެ މާތް މައްސަރުވެސް މެއެވެ.
ރޯދަމަހުގައި އެންމެ މަތިވެރި އެއްކަމަކީ މީސްތަކުންނަށް ރޯދަވީއްލަން ދިނުމެވެ. އެކަމުގެ ސަބަބުން މަތިވެރިވެގެންވާ އަޖުރު ލިބިގެންދެއެވެ. އަދި އިޖުތިމާޢީ ގުޅުން އާލާވެ ނަފުރަތު ނެތި ގުޅުން ގާއިމުވެގެން ދެއެވެ. ރާއްޖޭގައިވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމަކީ ޒަމާނުއްސުރެ އޮންނަ ރީީތި އާދައެކެވެ. ފުރިހަމަ އިންތިޒާމުތަކާއިއެކު މިސްކަތްތަކަށް ރޯދަ ވީއްލަންދާ ކޮންމެ މީހަކަށް އެ ފުރުޞަތު ފަހިވާނޭހެން ކޮންމެ މިސްކިތެއްގައިވެސް އެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސަނީ އެ މިސްކިތްތަކުގެ އަހުލުވެރިންނެވެ. ބަރާބަރަށް ކޮންމެ ދުވަހަކު މިސްކިތްތަކަށް ރޯދަވީއްލާނެ ތަކެތި ފޯރުކޮށްދޭ މީހުން އެބަތިއްބެވެ. ފެނާއި، ކަދުރާއި، ޖޫހާއި، ހެދިކާގެ ބާވަތްތައްވެސް ރޯދަ ވީއްލުމަށް މިސްކިތްތަކަށް ގެންދެއެވެ. މިސްކިތްތަކުގައި ރޯދަވީއްލުމަށް ގެންދެވޭ ތަކެތި އިންސާފުވެރި ކަމާއިއެކު ރޯދަ ވީއްލަން އަންނަ އެންމެނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަނީވެސް އެ މިސްކިތްތަކުގެ އަހުލުވެރިންނެވެ.
މާލޭގައި އާއްމުކޮށް ހުރިހާ މިސްކިތްތަކެއްގައިވެސް ރޯދަ ވީއްލޭނެ ރަނގަޅު އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. މިއީ މާލޭގެ ބޮޑެތި ވިޔަފާރިވެރިންނާއި، ހެޔޮއެދޭ އެތައް ފަރާތްތަކެއްގެ ދީލަތި އެހީއާއި އެކު ހަމަޖެހިގެންދާ އިންތިޒާމު ތަކެކެވެ.
އާންމުކޮށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ރޯދަ ވީއްލަން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނެވެ. އެމީހުން މިސްކިތްތަކަށް ރޯދަ ވީއްލަން ދަނީ އުޅޭ ތަނުގައި އެވަރުގެ އިންތިޒާމެއް ހަމަޖެހިފައި ަނުހުންނާތީއެވެ. ރޯދަ ވީއްލަން ދާނެ ވަކި ތަނެއް މިސްކިތް ފިޔަވައި އެމީހުންނަކަށް ނުހުރެއެވެ.
މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ރީތި އާދައާއިއެކުވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ރޯދަމަހަކީ ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތުގެ އެތެރެއާއި ބޭރުގައިވެސް ނަމާދު ކުރާ ތަނަކަށްވުމުން މިސްކިތުގެ ސާފުތާހިރުކަން ގެއްލޭގޮތުން ރޯދަވީއްލާ ރޯދަވެރިންގެ އަމަލުތައް ބެހެއްޓުމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
ނަމާދު ކުރުމަށް އަންނަ މީހުންނަށް އުނދަގޫ ނުވާގޮތަށް މިސްކިތްތަކުގައި ރޯދަ ވީއްލާ ފަރާތްތަކުން ޢަމަލުކުރުމަކީ މިމަހުގެ ހިތްހަމަޖެހުމާއި އުފާވެރިކަން އެންމެންނަށްވެސް ޙާޞިލުވާނެ ކަމެކެވެ.