ޚަބަރު

ޓީބީ: އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް


ޓިއުބަރ ކިއުލޯސިސް، ޓީބީ ނުވަތަ ކެއްސުން ބައްޔަކީ ގައިންގަޔަށްއަރާ ބައްޔެކެވެ. އެހެންނަމަވެސް ފަރުވާ ކުރެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ. އެޗްއައިވީ އޭޑްސް ފިޔަވައި، ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔަކީ ޓީބީ ބައްޔެކެވެ.

މި ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މާރިޗުމަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔެސް، ވީ ކޭން އެންޑް ޓީބީ" ނުވަތަ "އާދެ، އަހަރުމެންނަށް ޓީބީ ނައްތާލެވިދާނެ" އެވެ.

މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް" ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ އިންފެކްޝަން ބައްޔެއް ކަމަށްވާ ޓީބީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ފުއްޕާމެޔަށެވެ. ނަމަވެސް ހަށިގަނޑުގެ އެހެނިހެން ހިސާބުތަކަށް ވެސް އޭގެ އަސަރުކުރެ އެވެ. މައިގަނޑުގޮތެއްގައި މިބައްޔަކީ ވައިގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ކަމުން ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ފެތުރެން މެދުވެރިވަނީ ކެއްސައި ކިނބިހިއަޅައި ކުޅުޖެހުން ނުވަތަ ހުނުން ފަދަ ކަމެއް ކުރުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމްތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ.

މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވީނަމަވެސް އާއްމުކޮށް މިޖެހޭ ބަލިތަކާއި އަޅާ ބަލާއިރު އާއްމުކޮށް އެކީގައި އުޅޭ މީހެއްގެ ފަރާތަކުން ބަލި ޖެހުމަށް މަގުފަހިވެގެންދެއެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ބަލީގެ ބޭސް ދެ ހަފްތާވަންދެން ނަގާ މީހުންގެ ފަރާތުން ބަލިޖެހުމުގެ ފުރުޞަތު ކުޑައެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގައި 1985 ވަނަ އަހަރުން ފެށިގެން ޓީބީ ޖެހޭ މީހުންގެ މިންވަރު އިތުރުވެގެންދިޔައެވެ. ޚާއްސަކޮށް، އެޗްއައިވީ ވައިރަސް އިން ޖެހޭ އެއިޑްސް ބަލި ޖެހިފައިވާ މީހުންނަށް ޓީބީ ޖެހުމުގެ ފުރުޞަތު ބޮޑެވެ، އެޗްއައިވީ ބަލީގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލައެވެ. އެކަމުގެ ސަބަބުން ޓީބީ ފަދަ ބަލިތަކުން ދިފާއުވުމަށް ނުވަތަ ބަލިން ރަނގަޅުވުމަށް އުނދަގޫތަކާ ކުރިމަތިވެއެވެ.

2030 ވަނަ އަހަރުގެ ކުރިން ދުނިޔެ އިން ޓީބީ ނައްތާލުމަކީ އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ނުވަތަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)ގެ އަމާޒެކެވެ. އަދި އެއީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެސް ލަނޑުދަނޑިއެކެވެ.

ޓީބީ ބަލީގެ ބައެއް އަލާމަތްތައް:

• ކެއްސުން (3 ހަފްތާ ނުވަތަ އެއަށްވުރެ ގިނަ ހަފްތާވަންދެން ކެންސެން)
• ކެއްސާއިރު ލޭ އައުން
• މޭގައި ރިއްސުން
• ނޭވާލާއިރު މޭގައި ރިއްސުން ނުވަތަ ކެއްސާއިރު މޭގައި ރިއްސުން
• އާދަޔާހިލާފަށް ބަރުދަން ލުއިވުން
• ހުންއައުން
• ރޭގަނޑު ދާހިއްލުން
• ހަށިގަނޑަށް އާދަޔާ ހިލާފަށް ފިނިވުން
• ކާހިތްނުވުން

ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޓީބީ ޖެހުމުގެ ފުރުޞަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކާކަމަށް ޑޮކްޓަރުންވެސް ފާހަގަކުރައްވައެވެ. ދިފާއީ ނިޒާމުގެ ބާރު ގަދަ މީހުން ބަލިން ސަލާމަތްވުމުގެ ފުރުޞަތު ބޮޑު ނަމަވެސް ބައެއް ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުވެގެންދެއެވެ.

ޓީބީ ބައްޔަށް ގިނަ ބޭސްތަކެއް އުފައްދާފައިވާއިރު ޓީބީ އަކީ އޭގެ ތަފާތު ބާވަތްތައް ނުވަތަ ސްޓްރެއިންތައް ހިމެނޭ ބައްޔެކެވެ. މިބައްޔަށް ބޭނުންކުރާ އެންޓިބަޔޯޓީކެއް ނުވަތަ ބޭހެއް ޓީބީގެ އެއް ބާވަތަށް ބޭނުންކުރުމުގެ އޭގެ ރަނގަޅު އަސަރު ކުރި ނަމަވެސް އެހެން ސްޓްރެއިން އަކަށް ބޭނުން ކޮށްފިނަމަ ބަލިން ސަލާމަތްވުމުގެ ފުރުޞަތު ކުޑަވެދާނެއެވެ. އަދި މިބަލީގެ ބެކްޓީރިޔާއަކީ އުފެދުމުގައިވެސް އެއް ފަހަރަށްވުރެ އަނެއް ފަހަރު ބާރު ގަދަވެގެން ހިނގައިދާނެ ޖަރާސީމެކެވެ.

ޓީބީ އިން ރައްކާތެރިވާނެ ގޮތް:

ޓީބީ ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާއިރު، ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމާއި، ޓީބީ ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުން ހިމެނެއެވެ. ބަލި ޖެހިފައިވާ މީހަކާ އެއް ގޭބިސީއެއްގައި އުޅޭނަމަ ދެތެރެ ދޭތެރެއިން ޓީބީއަށް ޓެސްޓް ކުރުމަކީ މުހިންމު ކަމެކެވެ. ބަލިޖެހިފައިވާ ފަރާތްތަކުން ބަލިން ސަލާމަތްވުމަށް ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ގަވައިދުން ނަގަންޖެހޭނެއެވެ.

ޓީބީ އާއިމެދު މުޖުތަމަޢު ދެކޭގޮތް އަދިވެސް ބަދަލުކުރަންޖެހިފައެވެ. ޓީބީ ބަލި ޖެހިފައިވާ ކޮންމެ މީހަކީ އޭނާގެ ފަރާތުން ބަލި ފެތުރޭނެ މީހެއް ނޫންކަން ދެނެގަންނަންޖެހެއެވެ. ދުނިޔޭގެ ޓީބީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އާއްމުން މި ބައްޔާއި މެދު ހޭލުންތެރިކުރުވާ، ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް ބުނެދިނުމެވެ. މިބަލި ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ކުޅުގައި ޖަރާސީމު ހުންނަ ބަލި މީހުން ގެ ފަރާތުންނެވެ. މިފަދަ މީހުން ކެއްސާ، ކިނބިހި އަޅާ ނުވަތަ ކުޅު ޖެހުމުން ވައިގެ ޒަރީއްޔާއިން ކުޅުގައިވާ ޖަރާސީމު އެހެން މީހުންނަށް ވާސިލްވެއެވެ.

އެހެންނަމަވެސް ޓީބީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލްވާ އެންމެންނަށް ބަލީގެ އަސަރު ނުކުރުން އެކަށީގެންވާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެހެންނަމަވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުން، ހަކުރު ބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަދި ހަށިގަނޑަށް ބޭނުންވާ ރަގަޅު ކާނާ އެކަށީގެންވާ މިންވަރަށް ބޭނުންނުކުރާ މީހުންނަށް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑެވެ.

މިފަދަ ބަލިޖެހޭ މީހުން ބަލިތަކަށް ފަރުވާހޯދަން ފަސްނުޖެހުމަށާއި، ދެވޭ ފަރުވާ ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް ޤަވާޢިދުން ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ޓީބީ އަކީ ފަރުވާ އެކަށީގެންވާގޮތުގައި ލިބިގެން މުޅިން ފަސޭހަކުރެވޭ ބައެއްޔެއްކަން ދެނެގަނެ، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.