ޚަބަރު

ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓެއް އޭސީސީން ޤާއިމްކުރައްވަނީ


ސިޔާސީ ބައެއް ފަރާތްތަކުގެ މަލީ މުޢާމަލާތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭތޯ ބެއްލެވުމަށް އޭސީސީން ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުގެ ވަނަވަރު އެއްކުރައްވައި އެމީހުންނާ ގުޅުން ހުރި ފަރާތްތަކުގެ ދަފްތަރެއް އޭސީސީން އެކުލަވާލައްވާނެ ކަމަށާއި، އެފަރާތްތަކުގެ މާލީ މުޢާމަލާތުތައް ދުވަހުން ދުވަހަށް ބައްލަވައި ރެކޯޑް ކުރައްވަމުން ގެންދަވާނެކަމަށެވެ.

"މިކަންކަމަކީ (ކޮރަޕްޝަންގެ ޢަމަލުތަކަކީ) އަޅުގަނޑުމެންނަށް ދެން ދޫކޮށްލައިގެން ތިބެވޭނެ ކަންކަމެއް ނޫން" ހަސަން ލުތުފީ ވިދާޅުވިއެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެފަދަ މީހުންގެ މަޞްލަޙަތު ހުރިތޯ ޗެކުކުރައްވާނެ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގޭ ކޮރަޕްޝަންގެ ތެރެއިން އެމީހުންގެ އެކައުންޓްތަކަށް ވަންނަ ފައިސާއާމެދު ސުވާލުކުރައްވަމުން ގެންދަވާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ވަނީ ދިވެހި މުޖުތަމަޢުން ކޮރަޕްޝަން ނައްތާލައި ނަޒާޙްތްތެރިކަން އާލާކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ނަމުގައި ޕްލޭނެއް އެކަށައަޅުއްވާފައެވެ.