ޚަބަރު

ރަމަޟާންމަހު ކީރިތި ޤުރުއާން ޚަތިމްކުރާނެ ފަސޭހަގޮތެއް


ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މައްސަރެވެ. އެއީ އެމަހެއްގައި ކީރިތި ޤުރުއާން، ކީރިތި ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހިވައްސަލަމްގެ މައްޗަށް ބާވައިލެއްވުނު މަހެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތީ ޢާއްމު މަސް މަހަށްވުރެ ބޮޑަށް ރަމަޟާން މަހު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމަށް ބާރުއެޅުއްވިކަމެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު، ޖިބްރީލްގެފާނު ކީރިތި ނަބިއްޔާގެ އަރިހަށް ވަޑައިގެން މުޅި ޤުރުއާން މުރާޖާކުރައްވާ ތިލާވަތުކުރައްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވި އަހަރު ޖިބްރީލްގެފާނު ވަޑައިގެން ދެފަހަރަށް ޤުރުއާން މުރާޖާކުރައްވާފައިވެއެވެ.

މިފަދަ ބޮޑު ގުޅުމެއް ޤުރުއާނާއި މިބަރަކާތްތެރި ރަމަޟާން މަހާއި އޮތް އިރު މިމައްސަރުގެ ބަރަކާތް އިތުރުކުރުމަށް ހުރިހާ އެންމެވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ޘަވާބާއި ދަރުމައިގެ މިމައްސަރުގައި ހުރިހާ އެންމެންގެވެސް އުއްމީދު އެންމެ ބޮޑަށް ގުޅިފައި އޮންނަނީ ކީރިތި ޤުރުއާން ޚަތިމުކުރުމާއެވެ. އެކަން ކުރުމަށް ގިނަ ފަހަރު ފަސްޖެހެވެނީ ދުވަހުގެ ބިޒީ ޝެޑިއުލްގެ ތެރެއިން އެކަން ކުރެވޭނެ ފަސޭހަ ގޮތެއް އޮންނަކަން ދެނެގަނެވިފައި ނޯންނާތީއެވެ. އެހެންނަމަވެސް ކީރިތި ޤުރުއާން ޚަތިމުކުރުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ.

މިމަހު ޤުރުއާން ޚަތިމުކުރާނީ ކިހިނެތް؟

ކީރިތި ޤުރުއާނުގައި ހިމެނެނީ 30 ފޮތެވެ. ޢާއްމުކޮށް ހުންނަ މުސްޙަފުތަކުގައި ހުންނަނީ އެވްރެޖްކޮށް 600 ސަފްޙާއެވެ. ޤުރުއާނުގައި ހިމެނޭ ހުރިހާ ފޮތެއް އެއްވަރުނުވި ނަމަވެސް، ކޮންމެ ފޮތެއްގައިވެސް ޢާއްމުގޮތެއްގައި ހިމެނެނީ 20 ސަފްޙާއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް 20 ސަފްޙާ ނުވަތަ ދުވާލަކު ފޮތެއް ކިޔަވާނަމަ މުޅި މަސް ނިމޭއިރު އޮންނާނީ ޚަތިމްކުރެވިފައެވެ. އެކަން ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ފަރުޟު ކޮންމެ ނަމާދެއްގެ ފަހުގައި ކިޔެވުމަށް މި 20 ސަފްޙާ ބަހާލުމެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ފަހުގައި 4 ސަފްޙާ ކިޔަވާނަމަ ދުވާލެއްގެ މައްޗަށް ފޮތެއް ކިޔަވާލުމަކީ މާބުރަކަމެއް ނޫނެވެ.

އަނެއް ގޮތަކީ ހެނދުނުގެ މަސައްކަތާއިގެން ބުރަވުމުގެ ކުރިން 10 ސަފްޙާ އަދި ރޭގަނޑުގެ ވަގުތުގައި 10 ސަފްޙާ ކިޔެވުމެވެ.
ވަކި ނަމާދު ގަޑިއެއް މަސައްކަތުގެ މާބުރަ ގަޑިއަކާއި ދިމާވާނަމަ ނުވަތަ ބަދިގޭގައި އުޅެންޖެހޭ ވަގުތުތެރޭގައި ހިމެނޭނަމަ، ހުސްކޮށްލިބޭ ވަގުތުތަކަށް ބަހާލުމުންވެސް ފަސޭހައިން ޚަތިމްކުރެވޭނެއެވެ. އަދި އަންހެނުންނަށް ކުރިމަތިވާ މަސްއަރު ދުވަސްތައް ފޫބެއްދުމަށްވެސް ރޯދަ ހިފޭ ދުވަސްތަކުގައި އިތުރަށް ކިޔެވުމަށް އާދަކޮށްފިނަމަ ކަނބަލުންނަށްވެސް ޚަތިމްކުރެވޭނެއެވެ.

ކީރިތި ޤުރުއާނަކީ ދަސްކުރަން ފަސޭހަ އަދި ކިޔަވަން ފެށުމުން ނަގައިގަންނަން ފަސޭހަ ފޮތެކެވެ. އެއީ އެޤުރުއާނުގެ މުޢުޖިޒާތުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން ބަރަކާތްތެރި މިމަސް ނިމިގެންދާއިރު ކީރިތި ޤުރުއާން ޚަތިމްކުރުމަށް މަސައްކަތް ކުރައްވާށެވެ. އަދި ތުއްތު ކުދިންގެ މެދުގައި ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ވާދަވެރި މާޙައުލެއް ޢާއިލާތެރޭގައި ޤާއިމުކުރުމަކީ ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް ކުރެވިދާނެކަމެކެވެ. އަދި ކީރިތި ޤުރުއާނުން ކިޔެވޭ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބޭކަމަށް ރަސޫލުﷲގެފާނުގެ ސައްޙަ ޚަދީޘުން ސާބިތުވެއެވެ. އެހެންކަމުން އެއްކޮށް ޚަތިމް ނުކުރެވުނު ނަމަވެސް މިރަމަޟާން މަސް ނިމިގެންދާއިރު ޤުރުއާނާއި ގާތްގުޅުމެއް އުފެދިއްޖެކަ ނަމަ އެއީ ދެދުނިޔޭގައި ލިބޭ ކުރިއެރުމެކެވެ. ހިތްމަރާނުލާ ކުރިއަށް ދިޔުމަށް މަސައްކަތް ކުރާށެވެ.