ޚަބަރު

ނަޒާޙަތްތެރިކަމުގެ ވަޢުދުގައި އޮޑިޓް އޮފީހުން ބައިވެރިވެއްޖެ


އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށްޓަވައިފައިވާ ޤައުމީ ނަޒާޙަތްތެރިކަމުގެ ވަޢުދުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ނަޒާޙްތްތެރިކަން ދިރުވައި އާލާކުރެއްވުމަށްޓަކައި ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި އޭ.ސީ.ސީން ފަށްޓަވައިފައިވާ ނޭޝަނަލް އިންޓަރގްރިޓީ ޕްލޭނާ ގުޅޭ މައުލޫމާތު ދައުލަތުގެ ގިނަ މުއައްސަސާތަކަކާ މިހާރު ޙިއްސާކުރައްވައިފައިވާ ކަމަށާއި، މި ޕްލޭނަކީ ކާމިޔާބު ޕްލޭނަކަށް ވާނެކަމުގެ އުންމީދު އެބައޮތްކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން މިންޖުވެފައިވާ ނަޒާޙަތްތެރި މުޖުތަމަޢަކަށް ހެއްދެވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށްޓަވައިފައިވާ ނޭޝަނަލް އިންޓަރގްރިޓީ ޕްލޭންގެ ދަށުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނާއި، ޢާންމު ފަރާތްތަށްވެސް ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ހިންގަވާ ޕްރޮގްރާމެއްކަމަށް އޭސީސީން މައުލޫމާތުދެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ އުންމީދަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ޢާންމު ފަރާތްތަކުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައި ދިވެހިރާއްޖެއަކީ، ކޮރަޕްޝަނުން ސަލާމްތްވެފައިވާ ޤައުމަކަށް ކުރިއަށް އޮތް ތަނުގައި ވެގެންދިއުންކަމަށެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ މިހިނގާ 2016 ވަނަ އަހަރަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.