ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅޭގޮތުން މިހާތަނަށް ހިންގި އެންމެ ބޮޑު ދިރާސާ ނިންމާލައިފިއެވެ.
ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން އެކުލަވާލާފައިވާ، ނޫރާއްޖެ ޓީމުން، ކުރިއަށްގެންދިޔަ ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާގައި ވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ހުރިހާ އަތޮޅެއް ހިމެނޭހެން ކަނޑު ފަޅުތަކުގެ މަޢުލޫމާތު އެއްކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ދިރިއުޅޭ ޢާއްމުންނާއި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކަނޑުތަކުގެ މަޢުލޫމާތު އެއްކުރުމަށް، ކުރިއަށްގެންދިޔަ މިދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުފަޅުތައް ބޭނުކުރާ ގޮތާއި ގުޅޭގޮތުން އެކުލަވާލާ "މެރިން ސްޕޭޝަލް ޕްލޭން" އެކުލަވާލުމުގެ މަސައްކަތްތައް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ. މިގޮތުން މިދިރާސާގެ އެންމެ ފަހުބައި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައި ވަނީ ދެކުނުން ހުވަދުއަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.
NEW REPORT! In partnership with @MoFMRAmv and @presidencymv, the Noo Raajje team completed the word's largest Ocean Use Survey and we are excited to share the results! Read the final report on our website: https://t.co/cJFi3x5rcr
— Noo Raajje (@NooRaajje) March 21, 2023
ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅޭ 'މެރިން ސްޕޭޝަލް ޕްލޭން' ނުވަތަ ކުރިމަގުގައި ރާއްޖޭގެ ކަނޑު ފަޅުތައް ޙިމާޔަތްކުރުމާއި މި ސަރަޙައްދުތައް ބޭނުންކުރާނެ ގޮތްތައް، ކަރުދާހަށް ތިރިކުރުމަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް މިދިރާސާގެ ތެރެއިން ހޯދާފައިވާކަމަށް ނޫރާއްޖެއިން ބުނެއެވެ. މި ދިރާސާއަށްފަހު ނޫރާއްޖެ ޓީމުން ވަނީ ސައިންޓިފިކް ރިޕޯޓެއް އެކުލަވާލާފައެވެ.
މިދިރާސާއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތަ ޙިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ކަނޑުފަޅުތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް، ކަނޑުފަޅާއި ގުޅިފައިވާ ސިނާޢަތްތައް ކުރިއެރުވުމަށްވެސް މިދިރާސާގެ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ކަނޑުގައި މަހުގެ ސްޓޮކް، ސަރަޙައްދީ ޤައުމުތަކާއި ހިއްސާކޮށްގެން ބެލެހެއްޓުމުގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމުގައިވެސް މި ދިރާސާ މުހިއްމު ދައުރެއް އަދާކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ނޫ ރާއްޖެއިން ހާމަކުރާގޮތުގައި މިއީ މިފަދަ ގޮތަކަށް މުޅި ދުނިޔޭގައިވެސް ކުރިއަށްގެންދިޔަ އެންމެ ބޮޑު ދިރާސާއެވެ. ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅޭ ދިރާސާކުރުމަށް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. މިދިރާސާގެ މަސައްކަތްކުރުމުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ގިނަ ސައިންސްވެރިން ވަނީ ބައިވެރިވެފައެވެ.