ޚަބަރު

ރައްކާތެރި ފެނުގެ ނިޒާމާއެކު ބޯފެނަށްޖެހޭ މައްސަލަ ނިމުމަކަށް


ކޮންމެ އަހަރެއްގެވެސް މާޗްމަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބެނުމަކީ، ރައްކާތެރި ސާފު ފެން ނުލިބި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެންޖެހިފައިވާ މީހުންގެ ހާލަތަށް ވަކާލާތުކޮށް، އެފަދަ މީހުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ބާރުއެޅުމަށެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތާއި، މޫސުމަށް އަންނަމުންދާ ބަދަލާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލާއެކު ރާއްޖެއަކީވެސް ފެނުގެ މައްސަލަ ކުރިމަތިވަމުން އަންނަ ޤައުމެކެވެ. ހޫނު ގަދަވެ ވިއްސަރަ ވެހުން މަދުވާ ދުވަސްވަރު ރާއްޖޭގެ ރަށްތައް ފެނަށް ޖެހުމުގެ މައްސަލަ ކޮންމެ އަހަރަކުވެސް ކުރިމަތިވެއެވެ. ޚާއްސަކޮށް އުތުރުގެ ގިނަ ރަށްތަކަށް ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ބޯފެން ފޯރުކޮށްދެންޖެހެއެވެ.

ގޭގޭގައި ވާރޭފެން ރައްކާކުރުމަށް ހުންނަ ތާންގީގެ އިތުރުން، ރަށު ފެންވަރުގައި ފެން ރައްކާކުރެވޭނެ އެކަށީގެންވާ ނިޒާމު ނެތުމަކީވެސް މި މައްސަލަ ބޮޑުވާ ކަމެކެވެ. މީގެއިތުރުންވެސް ރަށްރަށުގެ ފެން ފަށަލަ ލޮނުވުމުގެ މައްސަލަ ކުރިމަތިވެ ފެން ތަގައްޔަރުވެއެވެ. އަދި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު ނެތުމުގެ ސަބަބުން، ރަށްރަށުގެ ފެން ފަށަލައަށް ނަޖިސް ބޭރުވެ ފެނުގެ މައްސަލަ ކުރިމަތިވުންވެސް ހިމެނެއެވެ.

މިއާއެކު ބުއިމަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހެއެވެ. ނަމަވެސް މިއީ ބަރޯސާވެވޭ ނިޒާމަކަށް ނުވުމާއި އަދި ޚަރަދުގެ ގޮތުންވެސް ބޮޑު ކަމެކެވެ. ރާއްޖޭގައި ކޮންމެ ރަށަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ވިއުގައެއް އޮތް ރަށެއްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މީގެ 4 އަހަރު ކުރިއަށް ބަލާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 188ރަށުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކޮށްފައި އޮތީ 37 ރަށުގެއެވެ. އަދި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި އޮތީ69 ރަށުގައެވެ. އިންސައްތައިން ބަލާނަމަ ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ %20 ރަށުގައެވެ. އަދި ނަރުދަމާ އޮތީ %37 ރަށުގައެވެ. ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުފަށާ 141 ރަށް އޮތެވެ.

ނަމަވެސް މި ޚިދުމަތަކީ އެންމެ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާ، 2020ވަނަ އަހަރު ވަނީ ފެނާއި ނަރުދަމާގެ ޤާނޫނެއް ވުޖޫދުކޮށްފައެވެ. މީގެދަށުން 2021ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ފެނާއި ނަރުދާމާ ނިޒާމު ޤާއިމުކުރުމަށް ހަވާލު ނުކުރާ، އެއްވެސް ރަށެއް ނެެތެވެ. ސަރުކާރުގެ ޢަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިންމުމެވެ. މީގެތެރޭގައި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓާއި، އަދި ބޭރުގެ ޤައުމުތަކުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ހިމެނެއެވެ.

މިދިޔަ އަހަރު ނިމުނުއިރު 100 އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް އެކުއެކީގައި ފަށައިގެން ކުރިއަށްދެއެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމި ޚިދުމަތް ވަނީ ފަށާފައެވެ. މީގެތެރެއިން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށް މަސައްކަތް ކުރިއަށްގެންދާ 24 ރަށުގެ މަސައްކަތްވެސް ކުރިއަށް އޮތް 3 މަސްތެރޭގައި މުޅިން ނިންމާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ރަށްރަށުގައި ރިވަރސް އޮސްމޮސިސް(އާރްއޯ) ޕްލާންޓާއެކު ތަރައްޤީކުރާ ފެނުގެ ނިޒާމުން ދޫކުރާ ފެނަކީ، ބުއިމަށްވެސް އެންމެ ރައްކާތެރި މިންގަނޑަށް ތައްޔާރުކުރާ ފެނެވެ. އަދި މި ޕްރޮޖެކްޓްތަކާއެކު ބޯފެން ރައްކާކުރާ ނިޒާމުތައްވެސް އަންނަނީ ޤާއިމުކުރަމުންނެވެ.

ފެނުގެ ނިޒާމުގެ ޕްރޮޖެކްޓްތައް ރަށްރަށުގައި ނިމެމުންދާވަރަކަށް، ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތައް ފެނަށްޖެހޭ މައްސަލައަށް އަންނަނީ ޙައްލު ލިބެމުންނެވެ. އަދި ފެނަށް ޖެހިގެން ރިޕޯޓްކުރާ ރަށްތައް އަންނަނީ މަދުވަމުންނެވެ.

މީގެއިތުރުން ފެނާއި ނަރުދަމާ ވެގެންދަނީ ރަށްރަށުގެ އިޤްތިޞާދާއިވެސް ގުޅިފައިވާ މަސައްކަތަކަށެވެ. އަދި ރަށްރަށުގައި ގެސްޓްހައުސްފަދަ އިޤްތިޞާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ފެށޭ ޚިދުމަތަކަށެވެ.