ޚަބަރު

ޙައްޖާއި ޢުމްރާއަށްދާ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ލޮކޭޓިން ޑިވައިސެއް


ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށްދާ މީހުން ގެއްލޭ މައްސަލަ ޙައްލުކުރުމަށް ލޮކޭޓީން ޑިވައިސްއެއް ބޭނުންކުރުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންނާއި ޢުމްރާގެ އަޅުކަމަށްދާ މީހުން ގެއްލޭ މައްސަލައަކީ މަދުން ނަމަވެސް ފެންމަތިވާ މައްސަލަތެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ޙަމީދު ވިދާޅުވީ ހައްޖާއި ޢުމްރާއަށް އެތައް ބަޔަކު ދާއިރު ރާއްޖެއިން ދާ މީހުންނަށްވެސް ހުރެވޭ ތަން ނޭގުމުގެ ސަބަބަބުން އެމީހުން ހޯދަންޖެހޭ ހާލަތްތައްވެސް އަންނަކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ޙަރަމްފުޅުގައި ޙައްޖުވެރިންނާއެކު އެހީތެރެރިން ހަރަކާތްތެރިވަމުން އަންނާނެކަމަށާއި ހުރިހާ ޙައްޖުވެރިންނާއި ޢުމްރާވެރިން އެމީޙުން ތިބޭ ހޮޓަލަށް އަންނަންދެން އެހީތެރިން މަސައްކަތް ކުރަމުންދާނެކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ޙައްޖު މޫސުމަކީ އެހެން މަސްތަކާއި އަޅާބަލާއިރު މައްކާގެ ހަރަމްފުޅުގައިވެސް މީހުން ގިނަ މޫސުމެއްކަމަށާއި ޙައްޖަށް ދަނީވެސް އުމުރުން ދުވަސްވެފައިތިބި މީހުންކަމަށްވުމުން ގެއްލޭ މީހުން ހޯދުމަށްވެސް އުނދަގޫވާކަމަށެވެ. މީހުން ގެއްލޭ މައްސަލަ ކުޑަކުރުމަށްޓަކައި ލޮކޭޓިން ޑިވައިސް ބޭނުންކުރުމަށް ނިންމާފައިވާކަމަށާއި މިއަހަރު އެ ޑިވައިސް ބޭނުންކުރަން ފަށާނެކަމަށެވެ. އަދި މިފަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން އެންމެ ބޮޑަށް އެ ޑިވައިސް ބޭނުންވާ މީހުންނަށް ދޭނެކަމަށެވެ.

"ގެއްލުމުގެ ފުރުޞަތު ނުވަތަ ހުރެވޭތަން ނޭގޭ މީހުންނަށް އެ ޑިވައިސް ދޭނެ. އެއާއެކު އެ ބޭފުޅުންނަށް އަޅުގަނޑުމެންނާހަމައަށް އައުމުގައި ފަސޭހަވެގެންދާނެ." ޙައްޖުކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއީލް ޙަމީދު ވިދާޅުވިއެވެ

ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ލިބުނު 1000 ކޯޓާގެ ތެރެއިން 600 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ވަނީ ދީފައެވެ. އަދި މި ކޯޓާގައި އެ ކޯޕަރޭޝަނުން ޙައްޖަށް ގެންދާނީ ކިއޫ ތަރުތީބުން ޙައްޖުގެ އަގުގެ 75 އިންސައްތަ ދައްކައި، ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖަރ ކޯޕަރޭޝަން އެފެއާޒް އައިޝަތު ޤާހިރު ވިދާޅުވީ މިހާރުވެސް އެ ކޯޕަރޭޝަންގެ ކިއުގައި 4000 އަށްވުރެ ގިނަ މީހުން އެބަތިބަކަމަށެވެ. އަދި ފުރުޞަތުދެމުން ދަނީ ކޯޓާ ލިބޭ މިންވަރަކުން، ކިއޫ ތަރުތީބުން ޙައްޖުގެ އަގުގެ 75 އިންސައްތަ ދައްކައި ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށްކަމަށް އައިޝަތު ޤާހިރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް އެކަން އަންގަމުން އަންނަކަމަށެވެ.

"މިހާތަނަށް 450 މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިފައިވާކަން އަންގައި ޙައްޖު ދައުވަތު ފޮނުވިފައިވާނެ. އެކި ސަބަބުތަކާއި ހުރެ ދައުވަތު ގަބޫލުނުކޮށް ދޫކޮށްލާ މީހުންނަށްވެސް އެކަން އެންގުމަށް އަންގާފައިވާނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖަރ ކޯޕަރޭޓް އެފެއާޒް އައިޝަތު ޤާހިރު ވިދާޅުވިއެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށްގެންދާ މީހުންގެ ތެރެއިން 5 އިންސައްތަ ވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ޚާއްސަކޮށްފައެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންގެ ޓިކެޓްތައް ގަނެ، ހޮޓާތައް ހޯދާފައިވާކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުންގެންދަން ނަގަނީ 69965 ރުފިޔާއެވެ.