އަތޮޅުތައް

ވަށަފަރުގެ ބަނދަރު ރަސްމީކޮށް އިފްތިތާޙް ކޮށްފި


ހއ ވަށަފަރަށް އަރައި ފޭބުމުގައި ދިމާވެފައިވާ ދައްޗަށް ދާއިމީ ޙައްލު ލިބިއްޖެއެވެ.

އެރަށުގައި ހަދާފައިވާ ބަނދަރު ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ.

ހއ ވަށަފަރުގެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ޙަވާލުކުރައްވާފައިވަނީ މިހާރުވެސް ރާއްޖޭގެ ގިނަ ރަަށްރަށުގައި ބަނދަރު ހަދަމުން ގެންދަވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީ އާއެވެ.

އެމްޓީސީސީން 2013 ވަނަ އަހަރު މަސައްކަތް ފެށި، ވަށަފަރުގެ ބަނދަރު ހަދައި ނިންމާފައިވަނީ ގާތްގަޑަކަށް 17 މަސްދުވަހުގެ ތެރޭގައެވެ. 560 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ މި ބަނދަރު ހެދުމަށް 47.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ބޮޑު ހިލަ ޖަހައިގެން ، ޝީޓް ޕައިލްކޮށްގެން ހަދާފައިވާ މި ބަނދަރަކީ މިހާރު ރާއްޖޭގެ ރަަށްރަށުގައި ހެދޭ އެންމެ ރަނަގަޅު ފެންވަރަށް ހަދާފައިވާ ބަނދަރެއް ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ވަށަފަރުގައި އެމްޓީސީސީން ބަނަދަރުހެދުމުގެ މަސައްކަތުގެ އިތުރުން، އެމްޓީސީސީގެ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ، ( ސީ.އެސް.އާރު ) ޕްރޮޖެކްޓްގެ ދަށުން، މިރަށް ވަނީ 2000 ޕޭމަންޓް ގައު ހަދިޔާކޮށްފައެވެ. މި ގައު ތަކަށް 2 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް އެކި ސަރަހައްދުގެ މަހު ހެދުމުގެ މަސައްކަތަށް އެމްޓީސީސީން ވަނީ ވަށަފަރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.