ޚަބަރު

ސަލާމަތީ ބާރުތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި އަމަލުތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް 241 ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލުމަށް ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ދަނިކޮށް ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

މިކަން ހިނގަދިޔަ ގޮތް ބެލުމަށް 241 ކޮމެޓީއަށް ހުށަހެޅުމާއި ގުޅިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމާފައެވެ.

މިކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ހުށަހަޅާފައެވެ. ކޮމެޓީގައި އެހެން މެމްބަރުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ރައީސްގެ މޮޓޯކޭޑު މަދު އަދަދެއްގެ ބަޔަކު ކުރި މުޒާހަރާއެއްގެ މެދުގައި އެހާ ގިނަ އިރު އޮންނަންޖެހި، ފަހުން ރޫޓު ބަދަލުކޮށްގެން ދާންޖެހުން ސަބަބު ބަލަންޖެހޭކަމަށެވެ.

މިބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ޕޮލިސް އަދި ސިފައިންގެ އިންސިޑެންޓް ރިޕޯޓެއް ހޯދައި، ސިފައިންނާއި ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައެވެ.

މިބައްދަލުވުމުގައި މެމްބަރުންގެ ހުށަހެޅުންތަކަށްފަހު ކޮމެޓީގެ މުޤައްރިރު ނިންމީ މެމްބަރުން ހުށަހެޅުއްވި މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބޭއްވުމަށެވެ.

މިމައްސަލާގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތް ލިޔުމުން ހޯދުމަށްފަހު، ދެ މުއައްސަސާއާއި ވަކިން ބައްދަލު ކުރުމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.