ޚަބަރު

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް


ރާއްޖޭގައި އުޅޭ ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ރ.ވަންދޫގަ ދިރާސާއެއް ފެށުމަށް ރައްކާތެރުވެއްޖެއެވެ.

ރ. ވަންދުއަކީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކުނި މެނޭޖުކުުމަށް ބޭނުންކުރުމަށް އަންނަ ރަށެކެވެ.

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާ މަސައްކަތުގެ އެއްބަސްވުން ޤާއިމުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި، ވެމްކޯ އަދި ވެލާ ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އޮލިވް ރެޑްލީ ޕްރޮޖެކްޓާ ދެމެދުއެވެ. މި އެއްބަސްވުމުގެ ދަށުން ވަންދޫގެ ގޮނޑުދޮށް 1 އަހަރު ދުވަހަށް މޮނިޓަރކޮށް ބަލާ ދިރާސާކުރާނެއެވެ. މިއީ ރާއްޖޭގައި ވެލާގެ އާބާދީއަށް އަންނަ ބަދަލު ބަލާ، ވެލާ އާލާވާ މިންވަރު ދެނެގަނެ އެކަން ދިރާސާކުރުމަށް ހިންގާ މަސައްކަތެކެވެ.

ރ.ވަންދުއަކީ ރާއްޖޭގެ ގިނަ ރަށްތަކުން ބޭރުކުރާ ކުނި މެނޭޖްކުރުމަށް، އެންވަޔަރަމަންޓް މިނިސްޓްރީއިން ތަރައްޤީކޮށް، ވެމްކޯއިން ބަލަހައްޓަމުން އަންނަ ރަށެކެވެ.

މިނިސްޓްރީއިން ވިދާޅުވީ ވަންދޫ ފާހަގަކުރެވެނީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ބިސްއެޅުމަށް ގިނަ އަދަދަކަށް ވެލާ އަރާ ރަށެއްގެ ގޮތުގައިކަމަށެވެ. ރާއްޖޭގައި ވެލާ އަދި ވެލާ ބިސް ނެގުމަކީވެސް މަނާ ކަމެކެވެ. 2014ވަނަ އަހަރުންވެސް އެ ރަށުގައި، ވެލާ ޙިމާޔަތްކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވެއެވެ.

ރާއްޖޭގައި ވެލާ އާލާކުރުމުގެ މަސައްކަތުގެ ދަށުން 2021ވަނަ އަހަރު ވަނީ ރ.އިންނަމާދޫގައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގާފައެވެ. މި މަސައްކަތް 3 މަސް ދުވަހަށް ކުރިއަށްގެންދިޔައެވެ. މިނިސްޓްރީއިން ވިދާޅުވީ މި ދިރާސާގައި، އެރަށަށް ވެލާ އަރާ، ބިސް އަޅާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަވިކަމަށެވެ.

"އޮލިވް ރެޑްލީ ޕްރޮޖެކްޓް"އާއި މިނިސްޓްރީން ވަނީ މިކަމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. އަދި ކުރިއަށް އޮތްތާންގައި ރާއްޖޭގައި ވެލާ އާލާވުން އިތުރުކުރުމަށް ކުރެވޭނެ ކަންކަމުގެ ޕްލޭންތައް ދަނީ އެކުލަވާލަމުންނެވެ. މި އެއްބަސްވުމަކީވެސް މީގެ ބައެކެވެ.

ވަންދޫގައިވެސް ކުރިއަށް ގެންދާނީ ވެލާއެރުމާއި، ބިސްއެޅުމާއި ވެލާ އާލާވާ މިންވަރުގެ ސަރވޭއެކެވެ. އެގޮތުން އެސިސްޓަންޓް އެންވާރަމަންޓަލް ސޭފްގަރޑް އޮފިސަރ (އޭއީއެސްއޯ)އިން ނަގާނެއެވެ. އަދި ރަށުގެ އެކި ސަރަޙައްދުތައް މޮނިޓަރކޮށް، ވެލާ ބިސްއަޅާ ތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތުތައް އެއްކޮށް ދިރާސާ ކުރާނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ވެލާ އާލާކުރުމަށް މީހުން ހޭލުންތެރިކުރުންވެސް ހިމެނެއެވެ.