ޚަބަރު

ޕޮލިގްރަފީ ހެދުން އިޚްތިޔާރީކަމަކަށް ހެދުމަށް ހުށަހެޅި އިސްލާހު ފާސްކޮށްފި


ފުލުހުންގެ ޚިދުމަތަށް މީހުން ވަޒީފާއަށް ނެގުމުގެ ކުރިން އެމީހެއްގެ މުޅި ބެކްރައުންޑް ޗެކްކުރުމުގެ ބަދަލުގައި ޕޮލިގްރަފީ ހެދުން އިޚްތިޔާރީކަމަކަށް ހެދުމަށް ފުލުހުންގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމީ ޚިދުމަތްތަކައި ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި ބިލު ފާސްކުރުމަށް 43 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފުލުހުންގެ ޚިދުމަތަށް ވަޒީފާއަށް މީހުން ވެއްދުމުގެ ކުރިން ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މިބިލުގެ މަސައްކަތް ކޮމެޓީން ކުރިއިރު މަޖިލީހުގެ ބައެއް މެމްބަރުންނާއި، އާންމު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ވަނީ ފުލުހުންނާއި، ބަންޑާރަ ނައިބް އޮފީހާވެސް ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

ކޮމެޓީން ފުލުހުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިދާރާއަށް ނަގާ ކޮންމެ މީހެއްގެ ޕޮލިފްރަފީ ޓެސްޓެއް ހެދުން ލާޒިމްވާގޮތަށް މިހާރުގެ ޤާނޫނުގައި އޮތުމުން އެކަމަށް ހިނގާ ޚަރަދާއި ވަގުތުވެސް ވަރަށްބޮޑަށް އިތުރުކަމަށެެވެ. ފުލުހުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަންޑާރަ ނައިބް އޮފީހުން ވަނީ މިކަމަށް ހައްލު ލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ގާނޫނުގައި މިހާރު އޮތް ޕޮލިގްރާފް ހެދުން އުނިކޮށްފައެވެ.

މީގެ އިތުރުން ތަހުގީގީ ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ތައުލީމް ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ޤާނޫނުން ދީފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހެޅި އިސްލާހުވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް، ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެންވުނު ބަދަލެވެ. ފުލުހުންގެ އާ ޤާނޫނުގައި ފުލުހުންގެ ތައުލީމީ ފެންވަރާއި، ޖަވާބުދާރީ ކުރެވޭނެ ގޮތާއި، ޒިންމާދާރު ކުރެވޭނެ ގިނަ ކަންކަން ވަނީ ހިމަނާފައެވެ.