ވިޔަފާރި

ރޯދަމަހު 150 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ: އެގްރޯނެޓް


ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ބާޒާރުގައި ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް އޮންނަ ޑިމާންޑް އުފުލިގެންދާ މަހެކެވެ. މިއާއިއެކު ބާޒާރުގައި މިތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މިސަރުކާރުން އުފެއްދި ކުންފުންޏެވެ. އެގްރޯނެޓުން އަންނަނީ ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހައްދައި މާކެޓަށް ނެރެމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓުން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހަށްވެސް އެގްރޯނެޓުން ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ރަމަޟާންމަހު މާކެޓްގައި ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ޑިމާންޑް އުފުލޭތީ އެތަކެތީގެ އަގު ހިފެހެއްޓުމަށްވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެގްރޯނެޓުން އެންމެ މުހިންމު އިސްކަމެއްދީގެން ހައްދާފައިވަނީ ކަރައެވެ. މިއީ ރޯދަމަހު އެންމެ ޑިމާންޑް ބޮޑު އެއް ބާވަތްވެސްމެއެވެ.

އެގްރޯނެޓުން ވިދާޅުވީ، މިއަހަރު ރަމަޟާންމަހަށް އެގްރޯނެޓުގެ ފަރާތުން 150 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. މިތަކެތީގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ބާޒާރަށް ނެރެފައެވެ. އެއީ 3 ޓަނުގެ ކަރައެވެ. އަދި މިއަދުވެސް އިތުރު 3 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އެގްރޯނެޓުން ބާޒާރަށް ނެރޭ ތަކެތި ވިއްކަނީ ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށެވެ. އެގޮތުން ކަރާ ކިލޯއެއް އެކުންފުނިން މިހާރު ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

ކަރާގެ އިތުރުން ކިޔުކަންބާ، މެލަން، ދޮންކެޔޮ، ބަރަބޯ، ފަޅޯ ފަދަ ބާވަތްތައްވެސް މިއަހަރުގެ ރޯދަމަހު އެގްރޯނެޓުން ބާޒާރަށް ނެރޭނެއެވެ. އެގްރޯނެޓުން ބާޒާރަށް ނެރޭ މޭވާއާއި ތަރުކާރީގެ ތެރެއިން އެންމެ ގިނަ ބާވަތްތައް އުފައްދަނީ ގއ، ގދ، ލ، ށ އަދި ހދ އަތޮޅުގައެވެ.

މިދިޔަ އަހަރުގެ ރޯދަމަހުވެސް އެގްރޯނެޓުން ވަނީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ބާޒާރަށް ނެރެފައެވެ. މީގެ ސަބަބުން އެ އަހަރުގެ ރޯދަމަހު އެ ބާވަތްތަކުގެ އަގުތައް ވަނީ ކޮންޓްރޯލްވެފައެވެ. އެގްރޯނެޓްގެ އަމާޒަކީ މިއަހަރުވެސް އެ ކުންފުނިން ބާޒާރަށް ނެރޭ ބާވަތްތަކުގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމެވެ.

އެގްރޯނެޓާއި ގުޅިގެން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 800 އެއްހާ ދަނޑުވެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.