ޚަބަރު

ކަސްޓަމަރުންގެ ލުއިފަސޭހައަށް އެމްއައިބީން ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ޑޮލަރުގެ މުޢާމަލާތް ކުރުމުގައި ލުއިފަސޭހަކޮށްދިނުމަށް އެބޭންކުން ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފިއެވެ.

މިއީ އެމްއައިބީން ހުޅުވި ފުރަތަމަ ޑޮލަރު އޭޓިއެމްއެވެ. މި އޭޓީއެމް ބަހައްޓާފައިވަނީ މއ.ފާމުދޭރިގޭގައެވެ.

މިއީ އެމްއައިބީގެ ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ފަސޭހައިން ޑޮލަރުގެ މުޢާމަލާތްކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ހުޅުވި އޭޓީއެމްއެކެވެ.

މި އޭޓީއެމްގައި ޑޮލަރު ނަގާ ޖަމާކުރުމަށް 2 މެޝިން ވަނީ ބަހައްޓާފައެވެ. އެމްއައިބީއިން ބުނެފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު 1000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ 5000 ޑޮލަރުކަމަށެވެ. އަދި ދުވާލަކު 12000 ޑޮލަރު ޖަމާކުރޭނެކަމަށް އެބޭންކުން މައުލޫމާތެދެއެވެ.

އެމްއައިބީ ޑޮލަރު އޭޓީއެމްގައި މިވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމަށް އެބޭންކުން މައުލޫމާތުދެއެވެ. އެމްއައިބީން އަންނަނީ ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް، އެބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ދެމުންނެވެ.

އެމްއައިބީއިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ޚިދުމަތް ދިނުމުގައި ދާދި ފަހުން އެމްއައިބީން ވަނީ ވިލިމާލޭގައިވެސް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓާފައެވެ. ވިލިމާލޭގެ އިތުރުން ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫސިޓީ، ފުވައްމުލައްނ ސިޓީ، ގދ ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ އޭދަފުށިންވެސް އެމްއައިބީގެ ހިދުމަތް ލިބެއެވެ.