ޚަބަރު

"ސިމްސް" ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 1374 ލައިސަންސް ދޫކޮށްފި


ސަރުކާރު އޮފީސްތަކުން ޚިދުމަތް ހޯދުމާއި ލިބިގަތުމަށް ގިނަ ވަގުތުތަކެއް ބޮޑެތި ކިއުތަކުގައި އާއްމުން ހޭދަކުރަން ޖެހޭ ޖެހުމަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ.

މިކަން ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވައުދުފުޅެކެވެ. އެގޮތުގެމަތިން ޑިޖިޓަލް ލައިސަންސަކީ ސަރުކާރުން ދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއި ރަށްޓެހިކޮށް ޑިޖިޓަލް ޚިދުމަތްތައް ދިނުމަށް ކުރާ މަސައްކަތުގެ މުހިންމު އެއް ބައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ފެށި މި ޚިދުމަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ، "ސިމްސް" ޕޯޓަލް ތަޢާރަފް ކުރެވިގެން ދިޔަ ހިސާބުން ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވެގެން ދިޔަކަމަށެއެވެ. ޢަލީ ޞާލިހު ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތަށް މި ގެނެވޭ ޒަމާނީ ބަދަލާއެކު، ކިއުތަކުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ޖެހުން މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށެވެ.

"ހަޤީޤަތުގައި މި ތަޢާރަފް ކުރެވުނު ސިމްސް ޕޯޓަލްއާއެކު ވަރަށް ބޮޑުތަން ލުއިފަސޭހަ ވެއްޖެ. ކިއުތަކުގައި ތިބުން މުޅިންހެން މިހާރު މިވަނީ ބަދަލް ވެގެން ގޮސްފައި. ކޮންމެ ކަމެއްގައިވެސް ހުރަސްތަކެއް ހުންނާނެ. އަދި ރަނގަޅު ކުރަން އެބަހުރި ބައިވަރު ކަންކަން. އެ މަސައްކަތްވެސް މިދަނީ ކުރަމުން" ޢަލީ ޞާލިޙު ވިދާޅުވިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން އަލަށް ތަޢާރުފު ކުރި "ސިމްސް" ޕޯޓަލަކީ ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށް ފައިވާ ޚިދުމަތެކެވެ.

ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށްވެސް ދުނިޔޭގެ ކޮންމެ ތާކު ތިބެގެންވެސް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާސްއަކީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި އަދި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އަމިއްލަ އީފާސްއިން ޚިދުމަތަށް ފަސޭހަކަމާއެކު އެދެވި އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބެލޭގޮތަށް ވުމާއި ހުށަހަޅާ އެޕްލިކޭޝަނަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭގޮތަށް ސިމްސް ޕޯޓަލްގައި ކަންކަންވަނީ ތަރުތީބުކޮށްފައެވެ.

ކުރިން ލައިސަންސް ޚިދުމަތް ދެމުންގެންދިޔައިރު ބައެއް ފަރާތްތަކުން ޑްރައިވިންގ ޓެސްޓުގައި ބައެއް މައްސަލަތައް ދިމާވެ، ލައިސަންސް ލިބުމުގައި ދަތިތަކެއް ދިމާވަމުންގޮސްފައިވުމާއެކު އީފާސް މެދުވެރިކޮށް އޮތެންޓިކޭޓަރގެ އެހީގައި ލައިސަންސްގެ ޚިދުމަތް ލިބިގަތުމުގެ ސަބަބުން އެ ޚިދުމަތަކީ ސައްހަ ޚިދުމަތެއްކަން ޔަޤީންކުރެވެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ފާހަގަކޮށްފައިވާ ގޮތުން އަލަށް ތާޢާރަފު ކުރި ސިމްސް ޕޯޓަލް 05 ފެބްރުވަރީ 2023 ގައި ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1374 ލައިސަންސް ވަނީ ދޫކޮށްފައެވެ.

އެގޮތުން 18 މާރިޗް 2023 ގެ ނިޔަލަށް އަމަލީ އިމްތިހާން (ޑްރައިވިންގ) އާއި ގަވާޢިދު އިމްތިހާނު (ތިއަރީ) ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި 18 މާރިޗު 2023 އާއި ހަމައަށް ލައިސަންސް ހަދައި ދިނުމުގެ މަރުހަލާގައި ޚިދުމަތް ދެމުންދަނީ 54 ލައިސަންސްއަކަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށްވުމާއި މި ޚިދުމަތުގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ޑިޖިޓަލް ލައިސަންސް ލިބޭނެގޮތަށް ކަންކަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަމިއްލަ އީފާސް އެކައުންޓުން ސިމްސް ޕޯޓަލްއިން މި ޚިދުމަތް ހޯދުމުން ޑިޖިޓަލް ލައިސަންސް ކޮންމެ އިރެއްގައިވެސް ބަލާލުމުގެ މަގު ފަހިވެގެން ދިޔައީއެވެ.