ޚަބަރު

ރޯދަމަހަށް ކުޑަދުވަސްކޮޅެއް، ބާޒާރުމަތި ފެންނަނީ ތިޔާގިކޮށް


ރޯދަމަހު އެންމެ ބާރުބޮޑުވާ އެއް ތަނަކީ މާލޭ ލޯކަލް މަރކެޓް ނުވަތަ ބާޒާރު މައްޗެވެ. ކޮންމެ އަހަރެއްގެ ރޯދަމަހަކުވެސް ބާޒާރު މަތިން ލިބެން ހުންނަ ބާވަތްތަކުގެ އަގު އުފުލި، އަދި ދަށަށްވެސް ދެއެވެ. މިއަހަރުގެ ރޯދަމަސް މިހާރު ގާތްވެފައިވާއިރު، ބާޒާރު މަތި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. ކޮންމެ ވިޔަފާރިވެރިއެއްވެސް ވަނީ ރޯދަމަހަށް ތައްޔާރުވެފައެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މިއަހަރުގެ ރޯދަމަހުވެސް، ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތައް ހުސްނުވެ ލިބޭނެއެވެ. މިބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ލުނބޯ، ކުރުނބާ އަދި ކޮޕީފަތް ފަދަ ބާވަތްތައް ހިމެނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ވިޔަފާރިވެރިން ބުނީ މިހުރިހާ ބާވަތްތަކުގެ އަގު ބޮޑުވާނެކަމަށެވެ. ނަމަވެސް، މަހުގެ މެދުތެރެއިން އަގުތައް ހިފެހެއްޓީފައި ހުންނާނެކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަމަހު އެންމެ ބޮޑަށް އަގު އުފުލޭނީ ލުނބޯގެ އަގެވެ. މިހާރު ލުނބޯ ކިލޯއެއް ބާޒާރުން ލިބެނީ 70 ނުވަތަ 75 ރުފިޔާއަށެވެ. ނަމަވެސް މިއަގު އަދިވެސް އިތުރުވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ. މީގެ ސަބަބަކީ ރޯދަމަހު ލުނބޯގެ ޑިމާންޑު އިތުރުވެ، ލުނބޯ ލިބުން ދަތިވުމުންކަމަށް އޭނާ ފާހަގަކުރިއެވެ.

"މިހާރު ލިބުން އެންމެ ދަތީ ލުނބޯ. ލުނބޯގެ އަގުވެސް މިހާރު ފުދޭ ވަރަކަށް ބޮޑު. މިހާރު ލުނބޯ ކިލޯއެއް މިއުޅެނީ 75 ރުފިޔާއަށް. ކުރިއަށް އޮތްތަނުގައި އަގު ބޮޑުވަނެކަމަށް މިބަލަނީ" ވިޔަފާރިވެރިއެއް ބުންޏެވެ.

ރޯދަމަހު ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގަންނަ ބާވަތްތަކަކީ ކަރައާއި ކުރުނބަލެވެ. ކޮންމެ ރޯދަމަހަކުވެސް އެކަށީގެންވާ ވަރަށް ކަރާ ނުލިބި، ކަރާގެ އަގު އުފުލުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ވިޔަފާރިވެރިން ބުނާގޮތުގައި މިރޯދަމަހުގެ ފުރަތަމަ ކޮޅު ކަރާގެ އަގު އުފުލި، މަހުގެ މެދުތެރެއިން އޭގެ އަގު ދަށަށް ދާނެކަމަށެވެ. މިހާރު ބާޒާރުން ކަރާ ކިލޯއެއް ލިބެނީ 25 ނުވަތަ 30 ރުފިޔާއަށެވެ.

ބާޒާރު މަތީގައި ކުރުނބާގެ އަގަށް ބަލާއިރު ކުރުނބަލެއް އުޅޭނީ 30 ރުފިޔާ އާއި 35 ރުފިޔައާއި ދޭތެރޭގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ކުރުނބާ ވިއްކާ ވިޔަފާރިވެރިއެއް ބުނި ގޮތުގައި މިރޯދަމަހު ކުރުނބާގެ އަގު އިތުރަށް އުފުލޭނެއެވެ. ސަބަބަކީ ރޯދަމަހު ކުރުނބާ ގަންނަ ވަރު އިތުރުވެ، ކުރުނބާ ލިބުން ދަތިވުމުންކަމަށް އޭނާ ބުންޏެވެ.

"ރޯދަމަހު ކުރުންބާގެ އަގު ބޮޑުވާނެ. އެއީ ރޯދަމަހު ވަރަސް ބޭނުންކުރާ އެއްޗެ ކުރުނބާއަކީ. ދެން ވަރަށް މަދުން ލިބެނީ. އެހެންވީމަ ރޯދަމަހު ކުރުނބާގެ އަގު ފުދޭވަރަކަށް މައްޗަށް ދާނެކަމަށް މިބަލަނީ" ވިޔަފާރިވެރިޔާ ބުންޏެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ވިޔަފާރިވެރިން ބުނީ މިއަހަރުގެ ރޯދަމަހު މިރުހުގެ އަގު ދަށަށް ދާނެކަމަށެވެ. މިހާރު މިރުސް ކިލޯއެއް ހުރީ ރުފިޔާއަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިރުހުގެ އަގު ދަށަށް ދާނެކަމަށް އޭނާ ބުންޏެވެ. ވިޔަފާރިވެރިން އާއްމުކޮށް މިރުސް ގެންނަނީ ކަނޑޫދޫއިންނާއި ލާމު އަތޮޅުންނެވެ.

ބާޒާރު މަތީގައި ދެން އެންމެ ތިޔާގިވެފައިވަނީ ފަތްޕިލާވެލީގެ ބާވަތްތަކެވެ. އޭގެތެރޭގައި ކޮޕީ ފަތާއި ލެޓިއުސް ފަތް ހިމެނެއެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ކޮޕީ ފަތުގެ ރޯދަމަހު ހުންނާނީ ހިފެހެއްޓިފައެވެ. މީހަރު ކޮޕީ ފަތެއް ލިބެނީ 2 ރުފިޔާއަށެވެ. ނަމަވެސް މި ޢަދަދު 5 ރުފިޔާއަށް ބަދަލުވުން އެކަށީގެންވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި ވިޔަފާރިވެރިން ރޯދަމަހަށް ތައްޔާރުވެފަިއވައިރު، ސަރުކާރުންވެސް އަންނަނީ ރޯދަމަހަށް ތައްޔާރުވަމުންނެވެ. ކޮންމެ ރޯދަމަހަކުވެސް ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ އެސް.ޓީ.އޯއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެސް.ޓީ.އޯއިން ދަނީ ރޯދަމަހަށް ޚާއްސަކޮށްގެން ފިޔާ ބިސް އަލުވި ހެޔޮ އަގުގައި ވިއްކަމުންނެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކާ އަގުތަކަށް ބަލާއިރު އަލުވި ކިލޯއެއް 11 ރުފިޔާއަށް، ފިޔާ ކިލޯއެއް 9 ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ ފިޔާ ބިސް އަދި އަލުވި ހޯލްސޭލްކޮސް ވިއްކާ އަގުވެސް ހެޔޮކޮށްފައެވެ. އެގޮތުން، މިހާރު ފިޔާ ބަސްތާއެއް ލިބޭނީ 160 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގުވަނީ 240 ރުފިޔާއަށް، ބިސް ކޭހެއް 280 ރުފިޔާއަށް ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި އައު ހޯލްސޭލް ސެންޓަރެއްވެސް ހުޅުވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާޓްގެ ނަމުގައި ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ.