ޚަބަރު

ރަޝިޔާއިން ވެރިވެގަނެފައިވާ ކްރައިމިޔާއަށް ޕުޓިން ވަޑައިގަންނަވައިފި


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކްރަމިޔާއަށް ޒިޔާރަތް ކުރައްވައިފިއެވެ. ކްރައިމިޔާއަކީ، 2014 ވަނަ އަހަރު ރަޝިޔާ ސިފައިން އަރައި ހިފާފައިވާ ޔޫކްރެއިނުގެ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ޕުޓިން ވަޑައިގަންނަވާފައި މި ވަނީ، އެ ސަރަޙައްދަށް ރަޝިޔާއިން އަތްގަދަކުރިތާ ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށެވެ.

ކްރައިމިޔާއަށް ސިއްރިޔާތުގައި ކުރެއްވި މި ދަތުރުފުޅުގައި ޕުޓިން ވަނީ، އެ ސަރަޙައްދުގެ ގަވަރުނަރުގެ ގޮތުން ރަޝިޔާއިން ހަމަޖައްސާފައި ހުންނަވާ މިޚާއީލް ރެޒްވޮޒެޔޭފާ ބައްދަލުކުރައްވާފައެވެ. އަދި، ކްރައިމިޔާގައި ރަޝިޔާއިން ބިނާކޮށްފައިވާ އައު ކުޑަކުދިންގެ މަރުކަޒަކާއި އާޓް ސްކޫލަކަށް އޭނާ ޒިޔާރަތް ކުރެއްވިއެވެ. އަދި، އެ ސަރަޙައްދުގައި ދިރިއުޅޭ ރަޝިޔާއަށް ތާޢީދުކުރާ ޢާންމު ރައްޔިތުންނާ އޭނާ ބައްދަލު ކުރެއްވިއެވެ.

ޕުޓިން ކްރައިމިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، އޭނާ ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)އިން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިންއާ ދެކޮޅަށް އައި.ސީ.ސީން އަމުރެއް ނެރެފައި މި ވަނީ، ޔޫކްރެއިނަށް ރަޝިޔާ ސިފައިން ފޮނުވައިގެން އޭނާ ފައްޓަވާފައިވާ ހަނގުރާމައާ ގުޅިގެންނެވެ.

މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމަށް ޔޫކްރެއިނާއި ހުޅަނގުން ތުހުމަތު ކުރަމުންދާއިރު، އައި.ސީ.ސީން ދަނީ އެ ތުހުމަތުތައް ތަހުޤީޤު ކުރަމުންނެވެ. ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި ވަނީ، ޔޫކްރެއިނުގެ ކުޑަކުދިން، އެ ކުދިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންދިޔުމަކީ ހަނގުރާމައިގެ ކުށެއް ކަމުގައި ބެލުމަށްފަހު، އެ ކުށުގެ ތުހުމަތުގައެވެ.

މި އަމުރާ ގުޅޭ ގޮތުން ޕުޓިން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވަނީ، އައި.ސީ.ސީ.ގެ އަމުރު ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. ރަޝިޔާއަކީ އައި.ސީ.ސީ.ގެ މެންބަރަކަށް ނުވާތީ، މިއީ ރަޝިޔާއަށް ބާރުހިންގޭނެ އަމުރެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. ރަޝިޔާއެކޭ އެއް ފަދައިން، އެމެރިކާއާއި ޗައިނާއަކީ ވެސް އައި.ސީ.ސީ.ގެ މެންބަރުންނެއް ނޫނެވެ.

އައި.ސީ.ސީ.ގެ އަމުރާ މެދު ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލޮޑިން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕުޓިން ހައްޔަރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، އަދި އަޅާ ކޮންމެ ފިޔަވަޅަކީ، ރަޝިޔާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމުގައެވެ.

ކްރައިމިޔާ ހިފުމަށްފަހު އޭގެ އަށް އަހަރު ފަހުން، ޕުޓިން ވަނީ ދެވަނަ ފަހަރަކަށް ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފައްޓަވާފައެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ 24 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި ވެސް، ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްފައެވެ.

ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކުގެ ތެރޭގައި އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ޑޮނެޓްސްކުގެ ބޮޑު ސަރަޙައްދަކާއި، ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. ޒަޕޮރީޜިޔާއަކީ ކްރައިމިޔާއާ އިންވެގެން އުތުރަށް އޮންނަ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި އޮތް ޚާރްސަން ވެސް ރަޝިޔާއިން ވަނީ ކުރިން ހިފާފައެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިން ވަނީ އެ ސަރަޙައްދުން ރަޝިޔާ ސިފައިން ފައްސައިލާ، އެ ސަރަޙައްދު މިނިވަންކޮށްފައެވެ.

ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމަށެވެ. އެ ރަށް ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ އަށް މަސް ކުރިންނެވެ. އެ ރަށުގެ ބޮޑު ސަރަޙައްދެއް މިހާރު ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް އެ ޤައުމުން ބުނި ނަމަވެސް، އެ ރަށުގެ ހުރިހާ ސަރަޙައްދަކަށް އަދި މިހާތަނަށް އަތްގަދަކުރެވިފައެއް ނުވެއެވެ.

ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ސިފައިން އެ ޤައުމުން ބޭލުމަށް ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުގެ ފައުޖުތަކުން ދަނީ ތައްޔާރުވަމުންނެވެ. އަދި، މި ކެމްޕޭނަށް އެހީތެރިވުމަށް ހުޅަނގުން ދަނީ، އެ ޤައުމަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އަސްކަރީ ޓޭންކުތަކާއި މަތިންދާބޯޓުތައް ވެސް ހިމެނެއެވެ.