ޚަބަރު

މިފްކޯއަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އަންނަމަހު 7ގައި ރާއްޖެއަށް


މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ފުރައިފިއެވެ.

މަސްކިރުވުމަށް ރާއްޖެ ގެންނަ ބޯޓުތަކަކީ މިފްކޯގެ މަސްކިރުވާ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެންނަ ބޯޓުތަކެކެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި މިފްކޯގެ ފްލީޓަށް އިތުރުކުރާ އާ މަސްކިރާ ބޯޓު "ޖަޒީރާ 103" ރާއްޖެ އައުމަށް ކޮރެއާއިން މިހާރު ފުރާފައިވާކަމަށެވެ. އަދި އެ ބޯޓު އަންނަމަހުގެ 7 ވަނަ ދުވަހު ރާއްޖެ އާދެވޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ "ޖަޒީރާ 103"އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެއްކަމަށެވެ. އަދި މި ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއްކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ. މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެއެވެ.

މަސް ކިރާ ކެޕޭސިޓީ އިތުރުކުރުމަށް 2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަނުގެ މަސްް ގަނޑުކުރެވޭ އުޅަނދަކާ، މަސް އެކްސްޕޯޓުކުރުމަށްޓަކައި 2400 ޓަނުގެ ކެރިއަރ ވެސެލްއެއް ހޯދާފައެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސް ގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.